އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ ޗެއާމަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ)އަށް 75000 މާސްކް ހަދިޔާކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ވޯލްޑް ވައިސް ފޫޑްސްގެ ޗެއާމަން ޖޯން ބާޓަން، އެންޑީއެމްއޭއަށް ހަދިޔާ ކުރީ 75000 ޑިސްޕޯސެބަލް ސާޖިކަލް މާސްކެވެ. މި މާސްކުތައް ހަދިޔާކޮށްފައި ވަނީ ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް އިސްސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޖޯން ވިދާޅުވީ އޭނާ ދެއްވި ހަދިޔާއަކީ ރާއްޖޭގައި ވަރުބަލިކަމެއް ނެތި ރެއާ ދުވާލު ކޮވިޑް-19 އަށް ދެކޮޅަށް މަސައްކަތް ކުރަމުންދާ ފްރޮންޓްލައިން ވޯކަރުންނަށް ބޭނުންތެރި ހަދިޔާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިއީ އެންމެނަށް ވެސް ދަތި ހާލަތަކަށް ވުމާއެކު، އޭނާ ދެއްވި ހަދިޔާއިން ލުއެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޖޯން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެންޑީއެމްއޭގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ، މި މާސްކުތައް ބޭނުން ކުރައްވާނީ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށެވެ. މީގެ އިތުރުން އިސްސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް މި މާސްކުތައް ބެހުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް 75000 މާސްކު ހަދިޔާ ކޮށްފައިވާތީ، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ ވަނީ ޖޯންއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ވޯލްޑް ވައިސް ފުޑްސްގެ ޗެއާމަން ރާއްޖެއަށް 75000 މާސްކު ހަދިޔާ ކޮށްފައިވާއިރު، އެ ކުންފުންޏަކީ ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުމުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި މުހިންމު ބައިވެރިއެއް ކަމަށްވީއިރު، އެ ކުންފުންނ ވަނީ މިފްކޯ ތަރައްގީ ކުރުމުގައި މުހިންމު ދައުރެއް ވެސް އަދާކޮށްފައެވެ.