އޮޅުވާލައިގެން މާލެ ގެނެސް 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް މިމަހު 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ. އަދި މި ކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރު ކަމަށާއި އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން މި އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައި ވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއްކައިރިއަށް ކުއްޖާ އެކަނި ކަމަށް ފުލުހުން ބުނެއެވެ. އަދި މި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ފުލުހން ބުނެއެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް އަމަލު ކުރާ މީހުންނާއިމެދު ގާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއި އެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މިފަދަ މައްސަލަ ތަކުގެ މައުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.