ހާއްސަ އެހީއަށް ބޭނުންވާ މީހަކު މަގުމަތީ ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް ފޯނު ވަގަށް ނެގި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ތ. ތިމަރަފުށީގައި ހާއްސަ އެހީއަށް ބޭނުންވާ މީހެއް މަގުމަތީ ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނު ވަގަށް ނެގި މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އެ ފޯނު ވަގަށް ނެގި މީހާ ވިއްކަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލާގައި 30 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފޯނުގެ ވެރިފަރާތާ ފޯނު ހަވާލުކޮށްފައިވާއިރު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަ އަކީ ރާއްޖޭގެ އަތޮޅުތަކުގެ އިތުރުން މާލޭގައިވެސް ނުހުއްޓި އޮތް މައްސަލައެކެވެ. އެގޮތުން ކޮވިޑް-19 ފެތުރި މާލެ ލޮކްޑައުން ކުރި ފަހުން މިސްކިތްތަކުން ޖުމްލަ 16 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.