ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ޖަޕާނުގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައި ފަހުން އެގައުމުން ބަލި ފެންނަ މިންވަރު، ފާއިތުވީ 4 ދުވަހުވެސް އިތުރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

ހުކުރު ދުވަހު އެކަނިވެސް ޖަޕާނުން 75 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 12 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއާއެކު ޖަޕާނުން މި ބަލި ޖެހުނު މީހުންގެ އަދަދު 17516 (އެއްގަމުގައި 16804، ޑައެމަންޑް ޕްރިންސަސް ކްރޫޒްގައި 712) އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު 899 (އެއްގަމުގައި 886، ކްރޫޒްގައި 13) އަށް ވަނީ އަރާފައެވެ.

ފާއިތުވީ ހަފުތާއަށް ބަލާއިރު ޖަޕާނުން ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިޕޯޓްކުރި އެއް ސަރަހައްދަކީ ދެކުނުގެ ސިޓީއެއް ކަމަށް ކިޓަކިޔޫޝޫއެވެ. މި ސަރަހައްދުން ހުކުރު ދުވަހު ބަލި ރިޕޯޓްކުރި ތަންތަނުގެ ތެރޭގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްފައިވާ ހިޔާތަކާ، ހޮސްޕިޓަލުތައްވެސް ހިމެނެއެވެ.

ޖަޕާނުގައި އިއުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތަށް އެގައުމުގެ ބޮޑުވަޒީރު ޝީންޒޯ އަބޭ، ނިމުމެއް ގެންނެވީ ހުސްވި ހަފުތާގެ ހޯމަ ދުވަހުއެވެ.