ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދު ވޯޓަށް ނާހާ، މާދަމާ ރޭ ވޯޓަށް އެހުމަށް ނިންމައިފިއެވެ.

އާއްމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދުވަސްތަކެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން މަސައްކަތް ކުރަމުން ދަނީ ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ މި އިސްލާހު ފާސް ކުރުމަށެވެ. އެގޮތުން މިއަދު މަޖިލީހުގެ ޖަލްސާ ބޭއްވީ ވެސް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެން އަންނަ ކައުންސިލު އިންތިހާބެއްގައި އިންތިހާބުވާ މެންބަރުން މަގާމާއި ހަވާލުވުމާއި ހަމައަށް މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމެޓީ ރިޕޯޓު ފާސް ކުރުމަށް ފަހު މަޖިލީހަށް އެޖެންޑާ ކުރުމަށް ތިން ދުވަސް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެއްޖެ ނަމަ އެ މުއްދަތު ފަހަނަ އަޅައި ވޯޓަށް އެހިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެފަހުން ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާއި އެކު މަޝްވަރާ ކުރުމަށް ވަޑައިގެންފައެވެ. އެނބުރި ވަޑައިގެން ވިދާޅުވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކޮމެޓީ ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށް އެއްބަސްނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ ކޮމެޓީ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަން ވާނީ އެ ރިޕޯޓެއް ކޮމެޓީން ފާސްކުރާތާ ތިން ދުވަސް ފަހުން ކަމަށެވެ. ޕީޕީއެމްއިން އެދެނީ އެ ތިން ދުވަހަށް ފަހު ކޮމެޓީ ރިޕޯޓަށް ވޯޓަށް އެހުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވާ ގޮތުގައި މާދަމާ ރޭ 11:00ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާ މި މައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށެވެ.