ރައްޔިތުން މަޖިލީހުގެ ފަސް މެންބަރަކު ދިރިއުޅުއްވާ ގެތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހާޒިރީ އިއްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ފަސް މެންބަރަކު ދިރިއުޅުއްވާ ގެތައް މޮނީޓަރިންގެ ހާލަތުގައި ހުރުމުން މިއަދުގެ ޖަލްސާއަށް ވަޑައިގަނެވޭ ގޮތް ވެފައި ނުވާ ކަމަށެވެ.

މޮނީޓަރިންގެ ހާލަތުގައި ހުރުމުން މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަނެވުނީ ކޮން މެންބަރުންނަށް ކަމެއް ނަޝީދު ހާމައެއް ނުކުރައްވައެވެ.

ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން މިދިޔަ މާޗު މަހުގެ 30ވަނަ ދުވަހު އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔަ ނަމަވެސް މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިޔަށް ގެންދަނީ މަޖިލީހުގެ ތަޅުމުގައެވެ. ޖަލްސާތައް ކުރިޔަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް މެންބަރުން ދުރު ދުރުގައި ތިއްބަވައިގެންނެވެ. އަދި މަޖިލީހުގެ މެންބަރުންނުން ފެށިގެން މަޖިލީހުގެ މުވައްޒަފުންވެސް ތިއްބަވަނީ މާސްކު ވެސް އަޅައިގެންނެވެ.