މާލޭގެ ގެއަކުން އުމުރުން ދުވަސްވީ ބަލިމީހަކު ގޭގެ ތިރިއަށް ބޭލުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާލެ ސިޓީ ގެއެއްގެ ތިންވަނަ ފަންގިފިލާގައި އޮތް ދޮށީ އުމުރުގެ އަންހެނަކު ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިއުމަށް އެމީހާ ތިރިއަށް ބޭލުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ރޭ ދަންވަރު 1:09 ހާއިރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 ފެނިފައިވާއިރު ސިފައިން އަންނަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ސިފައިން ވަނީ މި ބަލި މާލެ ތެރޭގައި ފެތުރެން ފެށި ހިސާބުން އާއްމުންނަށް ޑެލިވަރީ ކޮށްދިނުމުގައި ވެސް ހަރަކާތްތެރިވެފައެވެ. އަދި މިހާރުވެސް މި ބައްޔާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ސިފައިންގެ ބޮޑު އެހީތެރިކަމެއް އަންނަނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން ސިފައިންނަށް އާއްމުން އަންނަނީ ތައުރީފު ކުރަމުންނެވެ.

ކޮވިޑް19 ރާއްޖެއިން ފެނިފައިވާ މި ހާލަތުގައި ކުރީ ސަފުގައި ސިފައިން މަސައްކަތް ކުރަމުން އަންނައިރު ގިނަ އަދަދެއްގެ ސިފައިން ވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.