އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ، އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލާގައި، މިނިއާޕޮލިސްގެ ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ޑެރެކް ޗޯވިން ހައްޔަރުކޮށް، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

ޗޯވިންއާ ދެކޮޅަށް އުފުލާފައިވާ މަރުގެ ދާއުވާއަކީ ފުލުހުންގެ ބެލުމުގެ ދަށުގައި، އެއްވެސް ހަތިޔާރެއް ނެތި ހުރި މީހާ މަރާލި މައްސާލަގައި އުފުލި ދައުވާއެކެވެ.

މިނިއާޕޮލިސްގެ ފުލުހުން ފްލޮއިޑްއާއި އެންމެ ފުރަތަމަ ކުރިމަތިލީ ފިހާރައަކަށް ވަގު ނޫޓެއް ވިއްކާލަން އުޅުނު މައްސަލާގައެވެ. 20 ޑޮލަރުގެ ވަގު ނޫޓުގެ މައްސަލާގައި ފުލުހުންގެ ވެހިކަލަށް އަރުވަން އުޅުމުން އޭނާއަކީ ކުދި ތަންތަނުގައި ހުރުމަށް ހާސްވާ މީހެއް ކަމަށާ، ނޭވާ ހާސްވާކަމަށް ބުނެ ބިންމައްޗަށް ފްލޮއިޑް ވެއްޓެއެވެ. އަދި ކުޑަކަކޫ މައްޗަށް، އޭނާގެ ކަރަށް ވާގޮތަށް ފުލުހަކު އަރައިގެން 7 ވަރަކަށް މިނެޓް ހުންނަ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އޭރުވެސް އޭނާ ދިޔައީ މަރުވަނީ ކަމަށް ބުނެ، ރޮއި އާދޭސް ކުރަމުންނެވެ. ފްލޮއިޑްގެ ކަރުމައްޗަށް ކުޑަކަކޫ ތިރިކޮށްލައިގެން ހުރި ފުލުސް މީހާ އެތަނުން ތެދުވިއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެއަށްފަހު އޭނާ ގެންދެވުނީ ހޮސްޕިޓަލަށެވެ. އޭރުވެސް އޭނާގެ ފުރާނައެއް ނެތެވެ.

މިމައްސަލާގައި އިތުރު އޮފިސަރުންތަކެއްވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ހާދިސާއާއި ގުޅިގެން އެމެރިކާގެ އެކި ހިސާބުތަކުގައި، ވަކިން ހާއްސަކޮށް މިނިއާޕޮލިސްގައި ދަނީ ވަރުގަދަ ހަމަނުޖެހުންތަކެއްވެސް ހިންގަމުންނެވެ.

މައްސަލާގައި ޝާމިލުވާ ޕްރޮސެކިއުޓަރު މައިކް ފްރީމަން ވިދާޅުވީ ޗޯވިންއާއި ދެކޮޅަށް ގަސްތުގައި މީހަކު މަރާލުމުގެ ދެ ދަރަޖައެއްގެ ދައުވާ އުފުލާފައިވާކަމަށާ، ދެންތިބި އޮފިސަރުންނަށްވެސް ދައުވާ ކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް އެ ދައުވާތަކާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިއީ ފުލުސް އޮފިސަރަކާ ދެކޮޅަށް މިހާ އަވަހަށް ދައުވާ ކުރެވުނު ފުރަތަމަ ފަހަރުކަން ޕްރޮސެކިއުޓާ ފްރީމަން ވަނީ ފާހަގަކުރައްވާފައެވެ.

ފްލޮއިޑްގެ އާއިލާ އަދި ވަކީލު ބެންޖަމީން ކްރަމްޕް ވަނީ މައްސަލަ ހިނގަމުންދާ ގޮތަށް މަރުހަބާ ކިޔާފައެވެ. އަދި ފުލުސް އޮފިސަރު ހައްޔަރުކޮށް އޭނާއަށް ދައުވާ ކުރަންވިތާ ކިތަންމެ ދުވަހެއް ކަމަށްވެސް ފްލޮއިޑްގެ ވަކީލު ވަނީ ވިދާޅުވެފައެވެ. ފްލޮއިޑްގެ އާއިލާއިން ބުނީ އަނެއް 3 އޮފިސަރުންވެސް ހައްޔަރު ކުރަން އެދޭ ކަމަށެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގެ އެންމެ މަގުބޫލު ރައީސް ބަރާކް އޮބާމާ ވަނީ، މިއީ 2020 ގެ އެމެރިކާގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫންކަމަށެވެ.

އެމެރިކާގެ ނައިޓްކުލަބެއް މީގެ ކުރިން ހިންގި މީހަކު ވަނީ، ޗޯވިންއާއި ފްލޮއިޑްއަކީ އޭނާގެ ނައިޓްކްލަބުގައި މިދިޔަ އަހަރާ ޖެހެންދެންވެސް ބައުންސަރުންގެ ގޮތުގައި މަސައްކަތް ކުރި 2 މީހުން ކަމަށާ، ނަމަވެސް އެ ދެމީހުންނަކީ އެކަކު އަނެކަކު ދަންނަ ދެމީހުން ކަން ކަށަވަރުކޮށްދޭން ނޭނގޭ ކަމަށް ބުނެފައެވެ.