ސާޖަރީގެ ވަގުތުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭ ޕޭޝަންޓުންގެ ފުރާނައަށް ނުރައްކާވާރުގެ ރިސްކުތަކަކާ ކުރިމަތިވެ، ބައެއް ފަހަރު މަރާވެސް ކުރިމަތިލާންޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތައް ހިއްސާ ކުރަމުންދާ ޖާނަލް "ދަ ލޭންސެޓް"ގައި އާންމުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، އެކި ސަބަބުތަކާ ހެދި މިއަހަރު ތެރޭގައި ސާޖަރީ ހަދާފައިވާ މީހުންގެ ތެރެއިން، ސާޖަރީއާއި ދާދި އެއްދުވަސްވަރެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓުންނަށް ބަލާއިރު، 4 ބައިކުޅަ 1 ބައި މީހުން ވަނީ މި ދުނިޔެއާއި ވަކިވެ ގޮސްފައެވެ. އަދި 2 ބައިކުޅަ އެއްބައި މީހުންނަކީ ފުއްޕާމެއާ ގުޅުންހުރި ތަފާތު އެކި މައްސަލަތަކާ ކުރިމަތިލާންޖެހުނު މީހުންކަންވެސް ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ ޓީމަކުން ކުރި މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 24 ގައުމެއްގެ 235 ހޮސްޕިޓަލަކުން މިއަހަރުގެ ޖަނަވަރީ މަހާ މާޗް 31 ވަނަ ދުވަހާ ދެމެދު ފާހަގަކުރެވުނު 969 ޕޭޝަންޓްއެއްގެ ކިބައިންނެވެ. މިމީހުންނަކީ ސާޖަރީގެ ކުރިން ނުވަތަ ސާޖަރީއަށްފަހު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ޕޭޝަންޓުންނެވެ.
މީގެ ތެރެއިން 24 ޕަސެންޓް ޕޭޝަންޓުން ވަނީ ސާޖަރީ ހެދިތާ މަހެއްހާ ދުވަހުގެ ތެރޭގައި މި ދުނިޔެއާއި ވަކިވެފައެވެ.
ދިރާސާ ޓީމުން ފާހަގަކުރި ގޮތުގައި، އަމިއްލަ އިހުތިޔާރުގައި ހަދާ ސާޖަރީ ނުވަތަ ކުއްލި ހާތަލުގައި ހަދާ ސާޖަރީއަށް ބަލާއިރު އުމުރުން 70 އަހަރުން މަތީގެ ފިރިހެނުންނަށް މަރުގެ ނުރައްކާ ބޮޑެވެ.
ސާޖަރީއާއި ކޮވިޑް-19އާއި ފުއްޕާމޭގެ މައްސަލަތައް ނުރައްކާވުމާ އޮތް ސީދާ ގުޅުން އަދި ކަނޑައެޅިގެން ސާފު ނުވާކަމަށްވެސް ދިރާސާ ޓީމުން ވަނީ ބުނެފައެވެ. ކަންމިހެން އޮތްއިރު މި ބަލިމަޑުކަމުގެ ތެރޭގައި ސާޖަރީ ހަދާނެ މީހުންނާ އެނޫން މީހުން ކަނޑައެޅުމަކީ ސަމާލުވުމަށްވެސް ދިރާސާ ޓީމުންވަނީ ގޮވާލާފައެވެ. އެހެންކަމުން ސާޖަރީގެ ބޭރުން ދެވެން ހުރި އެހެން ފަރުވާތަކަށް ވީހާވެސް ބޮޑަށް ބަރޯސާވުމަށް ދިރާސާ ޓީމުން ވަނީ، ސިއްހީ ހިދުމަތްދޭ ޓީމުތަކަށް އިލްތިމާސްކޮށްފައެވެ.