ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އާއި އެކު އެމެރިކާއިން ދަމަހައްޓަމުން އައި ހުރިހާ ގުޅުމެއް މެދުކަނޑާލަން ނިންމަވާފައި ވާކަން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
އެމެރިކާއާއި ޑަބްލިއު.އެޗް.އޯގެ ގުޅުން މި ފަހަކަށް އައިސް އިންތިހާއަށް ހީނަރުވެގެން ދިޔައީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ޗައިނާއިން އެންމެ ފުރަތަމަ ފެނި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ދުނިޔެ ވައްޓާލިއިރު ޗައިނާ ޖަވާބުދާރީ ކުރުވުމަށް ޑަބްލިއު.އެޗް.އޯ ފެއިލްވެފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ކުރިމަތިކުރައްވަމުން ގެންދެވި ތުހުމަތުތަކާއެކުގައެވެ.
ޗައިނާއަށް 'އަދަބު' ދެއްވުމުގެ ފިޔަވަޅުތައް އިއުލާންކުރައްވަމުން ޓްރަމްޕް ވަނީ، މުޅި ޑަބްލިއު.އެޗް.އޯއަށް ޗައިނާގެ ކޮންޓްރޯލް ފޯރާ ކަމުގެ ތުހުމަތު ފެންމަތިކުރައްވާފައެވެ.
ޑަބްލިއު.އެޗް.އޯއާއި އެމެރިކާގެ ގުޅުންތައް މެދުކަނޑާލުމަށްފަހު، އެމެރިކާއިން މީގެ ކުރިން އެ އިދާރާއަށް ފޯރުކޮށްދެމުންދިޔަ މާލީ އެހީތެރިކަން ދެން ފޯރުކޮށްދެމުންދާނީ އެހެން އިދާރާތަކަށް ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެމެރިކާއަކީ ޑަބްލިއު.އެޗް.އޯގެ ފަންޑަށް ފައިސާ ޖަމާ ކުރާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކުން އެންމެ ގިނަ އަދަދަކަށް ފައިސާ ފޯރުކޮށްދޭ ފަރާތްވެސްމެއެވެ. ނިމިދިޔަ 2019 ވަނަ އަހަރަށް ބަލާއިރުވެސް އެމެރިކާއިން ވަނީ 400 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޑަބްލިއު.އެޗް.އޯއަށް ފޯރުކޮށްދީފައެވެ.
މިއަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބަށް ފައިވިއްދަވައިގެން ހުންނެވި ޓްރަމްޕަށްވެސް ކޮވިޑް-19އާ ގުޅިގެން ފާޑުކިއުންތައް އަމާޒުވާއިރު، މި ކަމުގެ ހުރިހާ އިލްޒާމެއް ޓްރަމްޕް އަމާޒު ކުރައްވަނީ ޒަމާންވީ ހަތުރުވެރި ޗައިނާއަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާއިން ލައްކައަކަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، ޗައިނާއިން "ފެތުރި" ބަލިމަޑުކަމެއްގެ އަގަކަށް އެމެރިކާގެ 100000އަށްވުރެ ގިނަ މީހުންގެ ފުރާނަ ވެގެން ދިޔަ ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. އަދި ކޮވިޑް-19 ޖައްސާ ވައިރަހާ ގުޅިގެން ޗައިނާއިން ޑަބްލިއު.އެޗް.އޯއަށްވެސް އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.
ޓްރަމްޕް ސިފަކުރައްވާ ގޮތުގައި ޑަބްލިއު.އެޗް.އޯއަކީ ޗައިނާގެ ޕަޕެޓްއެކެވެ.
ކަންމިހެން އޮތްއިރު ޑަބްލިއު.އެޗް.އޯގެ މެމްބަރު ގައުމުތަކުންވަނީ ކޮވިޑް-19އަށް ދިން އިޖާބައިގެ ބައިނަލްއަގުވާމީ މިނިވަން ތަހުގީގުގެއް ހިންގުމަށް އެއްބަސްވުމަކަށް އައިސް، ގަރާރެއްވެސް އެކުލަވާލާފައެވެ.