ބަންގްލަދޭޝްގެ އިތުރު 198 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
އިމިގްރޭޝަނުން ބުނީ، މިއަދު މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުކުރި ފްލައިޓުން ދަތުރު ކުރުމަށް 198 މީހަކަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ.
މިއަދު 198 މީހުން ފޮނުވާލާފައި ވާއިރު، މީގެ ކުރިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ 1200 އެއްހާ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.
ލިޔެކިޔުން ނެތް މީހުންގެ ތެރެއިން، ގައުމަށް އަނބުރާ ދާން ބޭނުންވި ބަންގްލަދޭޝް މީހުން އެ ގައުމަށް ފޮނުވާލުމަށް މިދިޔަ ހަފްތާގައިވެސް މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް އިންޑިއާއި ބަންގްލަދޭޝްއަށް ކުރިމަތިވި ބާރުގަދަ ތޫފާން އަމްފާންއާ ގުޅިގެން އެ ފްލައިޓް ކެންސަލްވެފައި އޮތުމަށް ފަހު މިހާރު ވަނީ ދަތުރުތަށް ފަށާފައެވެ.
އެގޮތުން 23 ވަނަ ދުވަހު 160 މީހުން ވަނީ އެ ގައުމަށް ފޮނުވާލައިފައެވެ. 22 ވަނަ ދުވަހު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 352 މީހަކު އެ ގައުމަށް ފޮނުވާލައިފައެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓުގައި ފޮނުވާލެވި ފައިވާ 68 މީހަކާއި މިމަހުގެ 16 ވަނަ ދުވަހު ބީމަން އެއާގައި ފޮނުވާލެވި ފައިވާ 353 މީހަކާއި 17 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓެއްގައި ފޮނުވާލި 67 މީހެއްގެ އިތުރުން 26 ވަނަ ދުވަހު ފޮނުވާލި 200 މީހުން އަދި މިއަދު ފޮނުވާލި 198 މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.