މުޅި މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައި، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މުޅި މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައި ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މިރޭ ފަށާފައި ވަނީ މި މައްސަލާގައި ހިޔާލު ތަފާތުވުން ބޮޑުވެ، އެކަމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމަށް ފަހު، އެ ލަފާ ލިބުމުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީ އެކުލަވާލާ ބިލަށް ބަހުސް ކުރަން ފަށާފައި ވާއިރު، މިރޭ 10:15ގައި އިސްލާހު ހުށަހެޅުމަށް ހުސް ވަގުތުކޮޅެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އެއަށް ފަހު މިރޭ އެޖެންޑާ ކޮށްފައި ވަނީ ކޮމިޓީތަކުން ހުށަހަޅާފައިވާ ކަންތައްތައް އިސްލާހު ހުށަހަޅާ، ފާސްކުރުމަށެވެ.

ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ލަފާގައި ބުނެފައި ވަނީ ކައުންސިލަރުންގެ ދައުރު ދަންމަން މިހާރު ހުށަހަޅާފައި ވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނައުމަށެވެ. ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގުސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށް އެ ލަފާގައި ބުނެފައިވެއެވެ.

މިފަދައިން ގެންނަ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ދުވަހުން ފެށިގެން މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެން އިންތިހާބެއް ބޭއްވެން ދެން ދެމި އޮންނާނެ ކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެއެވެ. އަދި މިދިޔަ އޭޕްރީލް 4 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ނިންމި އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ، އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނު އަސާސީއާ އެއްގޮތް ވާ ގޮތުގެ މަތިން ފޫނުބެއްދޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މިި ލަފާ އަރުވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އާދަމް ހިމެނޭ ގޮތަށް 5 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އޭގެ ތެރޭގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު އައްޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު ހިމެނެއެވެ.