ކޮވިޑް-19 އަށް އިތުރު 34 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 9:00ގެ ނިޔަލަށް އިތުރު 34 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1547 އަށް އަރާފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ، 12 ދިވެހިންނާއި އިންޑިއާ މީހެއްގެ އިތުރުން 21 ބަންގްލަދޭޝް ރައްޔިތުންނަށެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ކުޑަ ކުއްޖަކީ 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ކޭސް ނަންބަރަކީ 1464 އެވެ. އަދި އެންމެ އުމުރުން ދުވަސްވީ މީހަކީ 89 އަހަރުގެ އަންހެނެކެވެ. އޭނާގެ ކޭސް ނަންބަރަކީ 1513 އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1547 ކޭސް ފެނިފައި ވާއިރު، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް އިއްޔެ ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައެވެ. ކުރިއަށް އޮތްތާވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ތަކެއް ދިނުމަށް ނިްނމާފައިވީ ނަމަވެސް ލޮކްޑައުންގެ މުއްދަތު ވަނީ ދަންމާފައެވެ.