ކޮވިޑް-19ގެ ސަބަބުން ލޮކްޑައުން ކޮށްފައިވާ މާލެ ސަރަހައްދުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ދެވެނީ ފުލުހުންދޭ ހުއްދައެއް ހޯދުމަށްފަހުއެވެ. ކުރިން ގޭބިސީއަކުން އެކަކަށް ހަފްތާއަކު އެއްފަހަރު ބޭރަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް ލޮކްޑައުންއަށް ލުއި ދިނުމަށް ނިންމާ، ގޭބިސީއަކުން ތިން މީހަކު ހަފްތާއަކު ބޭރަށް ދިއުމުގެ ހުއްދަ ދޫކުރުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް ލުއި ދިނުމަށް ނިންމި ނިންމުމާއެކު، ފުލުހުންގެ ހުއްދައަށް އެދެން ޖެހިފައި މިވަނީ ގޭގެ ކަރަންޓު މީޓަރު ނަންބަރު ފޮނުވައިގެންނެވެ. މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިއުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

އެގޮތުން ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައި ވަނީ، ކަރަންޓު މީޓަރަކީ ގިނަ ގޭގޭގެ ތިރީ ފްލޯގައި އެންމެނަށް ފެންނާނެހެން ހާމައަށް ހުންނަ އެއްޗަކަށް ވުމާއެކު، ހުއްދައަށް އެދޭ މީހާ ފުލުހުންނަށް ފާހަގަ ނުކުރެވިދާނެތީއެވެ. އެގޮތުން ބޭރުން އަންނަ މީހަކު ގޭގެ މީޓަރު ނަންބަރު ބޭނުންކޮށްގެން ހުއްދަ ނަގާނަމަ، އެ ހުއްދައަށް ބޭނުން ޖެހިފައިވާ އެ ގެއެއްގައި އުޅޭ މީހާއަށް ގެއްލިގެންދާ ފުރުސަތެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މީގެ އިތުރުން ގިނަ ބަޔަކު ދަނީ މީޓަރު ނަންބަރު ފޮނުވަން ޖެހޭތީ އެކަމަށް ޖޯކު ޖަހަމުންނެވެ. އެގޮތުން، ޕާމިޓް ހޯދަން ފައިވާނުގެ ސައިޒު ދިނަސް އޯކޭތޯ ވެސް މީހުން ސުވާލު ކޮށްފައިވެއެވެ. ބައެއް ފަރާތްތަކުން ވަނީ، މީޓަރުގެ ފޮޓޯ އެއް ނުފޮނުވާ، އެ ފަރާތްތަކަށް ގުޅައިގެން ނުވާނެ ކަމަށް ބުނެ ވެސް މިކަމަށް ޖޯކު ޖަހާފައެވެ.

ލޮކްޑައުންއަށް ލުއި ދިނުމުގެ ގޮތުން މީޓަރު ނަންބަރު ފޮނުވައިގެން ޕާމިޓަށް އެދޭއިރު، ގިނަ ފަރާތްތަކުން ދަނީ މިއީ ލުއި ނޫން ކަމަށާއި ތަކުލީފު ކަމަށް ބުނަމުންނެވެ.

ކުރިން ބާޒާރުކުރަން ލިބެނީ އެއްގަޑިއިރަށް ވީ އިރު ބޭރަށް ނުކުމެ ފިހާރައަށް ގޮސްގެން ބޭނުންވާ ތަކެތި އެއްގަޑިއިރު ތެރޭ ނުގަނެވޭ ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް މިއަދުން ފެށިގެން ކުރިން ކޮންމެ ގޭބިސީއަކުން އެކަކަށް ހަފްތާއަކު އެއްފަހަރު އެއް ގަޑިއިރަށް ނުކުމެވޭ ގޮތަށް އޮތް އޮތުމަށް މިވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ފުލުހުން ބުނީ މިހާރު ކޮންމެ ގޭބިސީއަކަށް ވެސް 3 ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށެވެ. ހުއްދައެއްގައި ހިމެނެނީ ހަފްތާއަކު ގޭބިސީއަކުން އެކަކަށް 2 ގަޑިއިރެވެ. މިކަން އިތުރަށް ތަފްސީލް ކޮށްދެމުން ފުލުހުން ބުނީ ތިން ހުއްދަ ދެވެނީ ތިން މީހުންނަށް ކަމަށާއި އެކަކަށް 2 ދުވަސް ނުލިބޭނެ ކަމަށާއި އެކަކަށް ލިބޭނީ ހަފްތާއަކު އެއްދުވަހުގެ 2 ގަޑިއިރު ކަމަށެވެ. އެގޮތުން އެއް ގެއެއްގައި ދިރިއުޅޭ 3 މީހަކަށް އެ ހުއްދަ ލިބޭ އިރު އެއްގައަކުން 3 މީހުންނަށް 3 ދުވަސް ޖުމްލަ 6 ގަޑިއިރު ލިބޭނެ ކަމަށެވެ. އެއީ ކޮންމެ މީހަކަށް އެއް ދުވަސް 2 ގަޑިއިރުގެ ނިސްބަތުންނެވެ.