ލޮކްޑައުނަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައި ވާއިރު މިއަދަކީ އެ ލުއިތައް ދޭން ފެށި ދުވަހެވެ. ލޮކްޑައުންގައި އެންމެ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ޒަރޫރީ ބޭނުންތަަކަށް ބޭނުންވާ ސާމާނު ހޯދުމަށް ބާޒާރު ކުރުމަށް ދެވޭ ވަގުތުގެ މަދު ކަމުގެ ވާހަކައަށެވެ.
ކުރިން ބާޒާރުކުރަން ލިބެނީ އެއްގަޑިއިރަށް ވީ އިރު ބޭރަށް ނުކުމެ ފިހާރައަށް ގޮސްގެން ބޭނުންވާ ތަކެތި އެއްގަޑިއިރު ތެރޭ ނުގަނެވޭ ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް މިއަދުން ފެށިގެން ކުރިން ކޮންމެ ގޭބިސީއަކުން އެކަކަށް ހަފްތާއަކު އެއްފަހަރު އެއް ގަޑިއިރަށް ނުކުމެވޭ ގޮތަށް އޮތް އޮތުމަށް މިވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ފުލުހުން ބުނީ މިހާރު ކޮންމެ ގޭބިސީއަކަށް ވެސް 3 ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށެވެ. ހުއްދައެއްގައި ހިމެނެނީ ހަފްތާއަކު ގޭބިސީއަކުން އެކަކަށް 2 ގަޑިއިރެވެ. މިކަން އިތުރަށް ތަފްސީލް ކޮށްދެމުން ފުލުހުން ބުނީ ތިން ހުއްދަ ދެވެނީ ތިން މީހުންނަށް ކަމަށާއި އެކަކަށް 2 ދުވަސް ނުލިބޭނެ ކަމަށާއި އެކަކަށް ލިބޭނީ ހަފްތާއަކު އެއްދުވަހުގެ 2 ގަޑިއިރު ކަމަށެވެ. އެގޮތުން އެއް ގެއެއްގައި ދިރިއުޅޭ 3 މީހަކަށް އެ ހުއްދަ ލިބޭ އިރު އެއްގައަކުން 3 މީހުންނަށް 3 ދުވަސް ޖުމްލަ 6 ގަޑިއިރު ލިބޭނެ ކަމަށެވެ. އެއީ ކޮންމެ މީހަކަށް އެއް ދުވަސް 2 ގަޑިއިރުގެ ނިސްބަތުންނެވެ.
ފުލުހުން މިހެން ބުނެފައި ވަނީ ގިނަ ބަޔަކަށް މި މައުލޫމާތު އޮޅޭ ކަމަށް ބުނަމުންނެވެ. މިހާރު ހުއްދަ ދެވިފައިވާ ގޮތުގައި ލިބުނު ލުޔަކީ ކޮބައިތޯ އަހާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ސުވާލުތައް ކުރަމުންނެވެ. އެގޮތުން ގެއެއްގައި މަދު ބަޔަކު (ދެމަފިރިއަކާއި ކުއްޖަކު) ދިރިއުޅޭނަމަ ތިން މީހުންގެ ހުއްދަ ބޭނުން ނުކުރެވޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. މިފަދަ ހާލަތެއްގައި ކަން ކުރަންވީ ގޮތެއް ފުލުހުން ނުބުނެއެވެ.
ނަމަވެސް ކުރިން ހުއްދަ ދިން ގޮތުން ގިނަ ބަޔަކު ދިރިއުޅޭ ގޭގޭގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު އެކަކު ގޮސް ހަފްތާއަކަށް ބޭނުންވާ ވަރަށް ގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިހާރު ލުއި ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލުން އެފަދަ ގެތަކުގައި ބާޒާރުކުރަން ދިއުމުގައި މި ވަނީ ފަސޭހާތަކެއް ލިބިފައެވެ. އަދި މަދު ބަޔަކު ދިރިއުޅޭ ގެތަކަށްވެސް ކުރިން އެއް ގަޑިއިރު ލިބުނު ނަމަވެސް މިހާރު 2 ގަޑިއިރުގެ ވަގުތެއް ލިބޭތީ އެއީވެސް ލިބުނު ލުއެކެވެ.