ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލާގައި މަސްރަހު ހޫނުވެފައިވާ އެމެރިކާގެ މިނިއާޕޮލިސްގެ ފުލުހުންގެ އިދާރާއެއްގައި ހުޅުޖަހާ ރޯކޮށްލައިފިއެވެ.

ޖޯޖް ފްލޮއިޑްއަކީ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ، އުމުރުން 46 އަހަރުގެ މީހެކެވެ. މިނިއާޕޮލިސްގެ ފުލުހުން ފްލޮއިޑްއާއި އެންމެ ފުރަތަމަ ކުރިމަތިލީ ފިހާރައަކަށް ވަގު ނޫޓެއް ވިއްކާލަން އުޅުނު މައްސަލާގައެވެ. ފުލުހުން އޭނާގެ އަތުގައި ބިޑި އަޅުވައިގެން ގެނެސް ވެހިކަލެއްގެ ނިވަލުގައި ބާއްވައެވެ. އަދި ކުޑަކަކޫ މައްޗަށް، އޭނާގެ ކަރަށް ވާގޮތަށް ފުލުހަކު އަރައިގެން 7 ވަރަކަށް މިނެޓް ހުންނަ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އޭރުވެސް އޭނާ ދިޔައީ މަރުވަނީ ކަމަށް ބުނެ، ރޮއި އާދޭސް ކުރަމުންނެވެ. ފްލޮއިޑްގެ ކަރުމައްޗަށް ކުޑަކަކޫ ތިރިކޮށްލައިގެން ހުރި ފުލުސް މީހާ އެތަނުން ތެދުވިއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެއަށްފަހު އޭނާ ގެންދެވުނީ ހޮސްޕިޓަލަށެވެ. އޭރުވެސް އޭނާގެ ފުރާނައެއް ނެތެވެ. ނަމަވެސް އޭނާ މަރުވީ ފުލުސް މީހާގެ ހަށިގަނޑުގެ ބަރަށް އޭނާގެ ނޭލާ ހޮޅިއަށް ފައިން އަރައިގެން ހުރުމުން ކަމަށް މެޑިކަލް ރިޕޯޓްގައި ބަޔާންކޮށްފައެއް ނުވެއެވެ.

ފުލުހެއްގެ އަނިޔާވެރިކަމުގައި މަރުވެދިޔަ އެމެރިކާގެ ޖޯޖް ފްލޮއިޑަށް އިންސާފު ހޯދުމަށް އެގައުމުގައި ހިންގަމުންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ސީއެންއެން

މި މަންޒަރުތައް އާންމުވުމާއެކު އާންމުންގެ ރުޅިގަނޑު އުތުރިއެރިއެވެ. އޭގެ ފަހުން 3 ރޭ ފާއިތުވެދިޔައިރުވެސް މި ރުޅިގަނޑު މަޑެއް ނުވެއެވެ. މިނިއާޕޮލިސްގެ ޕޮލީސް ޕްރީސިންކްޓްގައި ހުޅުޖަހާފައިވަނީވެސް މި ރުޅިގަނޑުގެ ތެރެއިންނެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔާ ސީއެންއެންގެ ރިޕޯޓަރަކު ޚަބަރުދީފައިވާ ގޮތުގައި އެ ސަރަހައްދުން އިވެމުންދަނީ އިމާރާތް ރޯވެ އަނދަމުންދާތީ އާންމުން އުފާފާޅުކުރާ އަޑެވެ. އަދި ފުލުހުން ވީ ހިސާބެއްވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިނިއާޕޮލިސްއަށް މިއީ ފަތިހުގެ ވަގުތެވެ. ނަމަވެސް އާންމުންގެ ހަރަކާތްތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ. ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި އަލިފާން ނިއްވާ ޓީމުތައް ހަރަކާތްތެރިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިމާރާތުން ބައެއް މިހާރު ބިމާ ހަމަވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ފުލުހެއްގެ އަނިޔާވެރިކަމުގައި މަރުވެދިޔަ އެމެރިކާގެ ޖޯޖް ފްލޮއިޑަށް އިންސާފު ހޯދުމަށް އެގައުމުގައި ހިންގަމުންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: އޭބީސީ

ފްލޮއިޑްގެ މަރާ ގުޅިގެން އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެފައިވާއިރު 170 އެއްހާ ވިޔަފާރިއަށްވެސް ގެއްލުން ދީފައިވާކަމަށް މިނިއާޕޮލިސްގެ ފުލުހުން ބުނެއެވެ. ކަންމިހެން އޮތްއިރު މިފަދަ ހަމަނުޖެހުންތަކަށް ފުރުސަތު ނުދެއްވާނެ ކަމަށާ، ލޫޓުވުން ފަށައިފިނަމަ ހަމަލާ ބަދަލުކުރުންވެސް ފަށާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ޓްވީޓްއެއްވެސް ކުރައްވާފައެވެ. ނަމަވެސް މި ޓްވީޓްއަކީ ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ޓްވީޓްއެއްގެ ގޮތުގައި ޓްވިޓާ ކުންފުނިންވަނީ މި ޓްވީޓް ޓެގްކޮށް، "ހައިޑް"ވެސް ކޮށްފައެވެ. މި ދަނޑިވަޅަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްސަލާގައި ޓްރަމްޕާ ޓްވިޓާ ކުންފުންޏާ ދެމެދުވެސް ވަރުގަދަ ކޯޅުމެއް އޮތް ދަނޑިވަޅެކެވެ.

ފުލުހެއްގެ އަނިޔާވެރިކަމުގައި މަރުވެދިޔަ އެމެރިކާގެ ޖޯޖް ފްލޮއިޑަށް އިންސާފު ހޯދުމަށް އެގައުމުގައި ހިންގަމުންދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓްވީޓް/ފޮޓޯ: ސްކައިނިއުސް

ކަންމިހެން އޮތްއިރު މިނެސޯޓާގެ ސެއިންޓް ޕޯލްގެ މޭޔަރު މެލްވިން ކާޓާ ވިދާޅުވީ، ފްލޮއިޑްގެ މަންޒަރުތައް ބެލި މީހަކުވިއަސް ބޮލަށް އެނބުރާ މޭ ނުބައި ކުރާނެ ކަމަށާ، ރައްޔިތުންގެ ރުޅިވެރިކަން ހަޖަމްކުރެވޭ ކަމަށެވެ. ފްލޮއިޑްއަށް ދިން އަނިޔާއަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފްލޮއިޑްގެ އާއިލާއިން ދަނީ އޭނާގެ ފުރާނަ ދުއްވާލި އޮފިސަރުން ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ. މިމައްސަލާގައި އަދި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. ނަމަވެސް ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން ހުރި އޮފިސަރު ޑެރެކް ޗޯވިންއަކީ އޭނާއާއި ދެކޮޅަށް މިނިއާޕޮލިސް ޕޮލީސް ޑިޕާޓްމަންޓްގެ އިންޓާނަލް އެފެއާޒްގައި 18 މައްސަލައެއް ފައިލްކޮށްފައިވާ މީހެއްކަން ފާހަގަކުރަންޖެހެއެވެ.