ހުޅުމާލޭ ދެވަނަ ހިޔަވަހީގައި ގާއިމްކުރި، ގާއިމްކުރި 800 އެނދުގެ ޗައިނާ ސްޓޭޓް ހިޔާ ކަރަންޓީން ފެސިލިޓީން 7 ކަމެއް ރަނގަޅު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އަންގައިފިއެވެ.

މި ފެސިލިޓީއަކީ ކޮވިޑް-19ގެ ސަބަބުން ކަރަންޓީނު ކުރަން ޖެހޭ ބިދޭސީން ކަރަންޓީނު ކުރުމަށް ތައްޔާރު ކުރި 800 މީހުންގެ ޖާގައިގެ ފެސިލިޓީއެކެވެ. މި ފެސިލިޓީ 6 ބްލޮކަކަށް ބެހިފައިވާއިރު، ކަރަންޓީނު ކުރާ މީހުން ބޭތިއްބުމަށް 4 ބްލޮކް ވަނީ ހާއްސަ ކޮށްފައެވެ. މީގެ ތެރެއިން ކޮންމެ ބްލޮކެއް ދެ ފަންގިފިލާއަށް ބެހިފައިވާއިރު ބްލޮކެއްގައި 10 މީހުންގެ ޖާގައިގެ 20 ކޮޓަރި ހުންނަ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

މި ފެސިލިޓީއަށް ޒިޔާރަތް ކުރުމަށްފަހު އެޗްއާރްސީއެމުން ވަނީ ރަނގަޅު ކުރަން ޖެހޭ 7 ހުށަހެޅުމަށް ހުށަހަޅާފައެވެ. އެގޮތުން.

  • ފެސިލިޓީގައި ތިބޭ މީހުންނާއި މުވައްޒަފުންގެ ކަރާމާތްތެރިކަން ދެމެހެއްޓޭނެފަދަ ގޮތަކަށް ފެންވަރާތަނުގައި އެކަކު އަނެކަކަށް ނުފެންނާނެހެން ފަރުދާވެގެން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • އެނދުތަކުގެ ތަރުތީބު، ރާއްޖޭގައި މިފަދަ ފެސިލިޓީތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް 1 ފޫޓު ދުރުމިނުގައި ބެހެއްޓުން.
  • ފެސިލިޓީގައި މީހުން ބާތިއްބަން ހަމަޖެހިފައިވާ އަދަދަށް ބަލާ މޫނުދޮވުމަށާއި އަތްދޮވުމަށް ބަހައްޓާފައިވާ ތަންތަން އިތުރުކުރުން.
  • ފުރަތަމަ އެހީއަށް ބޭނުންވާ ސާމާނާއި، ބޭސް އަދި އާލާތްތައް ފުރިހަމައަށް ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • މުނިފޫހިފިލުވުމަށް ބޭނުންވާ ސާމާނު ހޯދުމާ ތަނުގައި ޔިބޭ މީހުން ހިނގާ ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ކަނޑައެޅުން.
  • ސެކިއުރިޓީ އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމަށް ކެމެރާ ސިސްޓަމް ގާއިމް ކުރުން.
  • އަލިފާނުގެ ހާދިސާއެއް ހިންގައިފިނަމަ އަލިފާން ނިއްވާލުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމްކޮށް ގަވައިދުން ބަލަހައްޓަމުން ގެންދިއުން.

އެޗްއާރްސީއެމުން ބުނީ، މިކަންކަން އިސްލާހު ކުރުމަށްފަހު ނޫނީ މި ފެސިލިޓީގައި މީހުން ކަރަންޓީނު ނުވަތަ ސިއްހީ ގޮތުން އެކަހެރި ކޮށްގެން ނުވާނެ ކަމަށެވެ.

800 އެނދުގެ ލޭބާ ކުއާޓާއެއް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޮމްޕެނީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ތައްޔާރުކޮށްފައިވާއިރު، މިތަނުގެ ގިނަ މަސައްކަތްތައް ކޮށްދީފަ ވަނީ ޗައިނާ ކުންފުނިން އެއްވެސް އަގަކާއި ނުލައެވެ. މި ފެސިލިޓީ ނިންމާފައި ވަނީ 22 ދުވަހުގެ ތެރޭގައެވެ.