ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހޮޓްސްޕޮޓްތަކެއް ދުނިޔޭގެ އެކި ހިސާބުތަކުން އަދިވެސް ފާހަގަކުރެވޭ ކަމަށާ، މިއީ ކަންބޮޑު ކުރުވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ސީއެންއެންގެ ގްލޯބަލް ޓައުން ހޯލްގައި ވާހަކަދައްކަވަމުން ކޮވިޑް-19ގެ ބަލިމަޑުކަމަށް ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާފައިވާ ހުންނަވާ ޓެކްނިކަލް ލީޑް މާރިއާ ވެން ކެރްޚޯވް ވިދާޅުވީ، ރަޝިއާ، އެފްރިކާ އެފްރިކާ އަދި ދެކުނު އޭޝިއާ ސަރަހައްދުގެ ބައެއް ގައުމުތަކާ ވިލާތުގެ މަދު ގައުމުތަކެއްގައި އަދިވެސް ގިނަ އަދަދަކަށް ކޭސްތައް އުޅެމުންދާ ދިއުމާ ގުޅިގެން ޑަބްލިއު.އެޗް.އޯއިން އެކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ޑަބްލިއު.އެޗް.އޯގެ އޮފިޝަލު ވިދާޅުވީ، މި ދާއިރާތަކަކީ ކަންބޮޑުވުން އުފައްދަނިވި ދާއިރާތަކެއް ކަމަށާ، އެހެނީ ކޮވިޑް-19 ޖައްސާ ވައިރަހަކީ ފުރުސަތު ލިބިއްޖެނަމަ އިންތިހާއަށް ވަކި ހިއްޕާލާ، ހަލުވިކަމާއެކު ފެތުރާލާ ވައިރަހަކަށް ވާކަމެވެ. މިއިން ކޮންމެ މަންޒިލެއްގައި ވައިރަސް ވަކިހިއްޕާލަފާނެ ކަމަށާ، ނާޒުކު އާބާދީތަކަށް ވައިރަހުގެ ސަބަބުން ފޯރުވާނެ ނޭދެވޭނެ އަސަރު މިހާރުވެސް ފެނިފައިވާކަމަށާ، އެއީ ޑަބްލިއު.އެޗް.އޯއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ކެރްޚޯވް ވަނީ ފާހަގަކުރައްވާފައެވެ.

ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ މިއަހަރުގެ ފަހުކޮޅު ވެކްސިންއެއް ލިބޭ ވަރު ވާނެ ކަމަށްވެސް ޑަބްލިއު.އެޗް.އޯގެ އޮފިޝަލު ވަނީ އިޝާރާތް ކުރައްވާފައެވެ. ކޮވިޑް-19އަށް 100 އަށްވުރެ ގިނަ ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައެންސްވެރިންގެ ޓީމުތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަން ކެރްޚޯވްވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ހަލުވި މިނެއްގައި އަވަސް އަރުވާލައިގެން ވެކްސިންއެއް ތައްޔާރު ކުރާއިރު، އޭގެ އިފެކްޓިވް ކަމާ، ސަލާމަތާ ރައްކާތެރިކަން ގުރުބާން ނުކުރެވޭނެ ކަމަށްވެސް ޑަބްލިއު.އެޗް.އޯގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 5.9 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި މިވަގުތު ރެކޯޑްކޮށްފައިވަނީ 2964949 ކޭހެވެ. މީގެ ތެރެއިން 53968 މީހުންގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ. މި ބަލީގައި 362081 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.