ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދިޔަ ހަރުކަށި ލޮކްޑައުންގެ އަމުރުތަކަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ދާދިފަހުން ލުއި ދެއްވި ކަމުގައި ވީ ނަމަވެސް، އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ތިބެނީ ގެތަކުގައި ކަމަށް ކިންގްސް ކޮލެޖު ލަންޑަން އިން ހެދި ދިރާސާތަކުން ދައްކައިފިއެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ޑައިރެކްޓާ އޮފް ޕޮލިސީ އިންސްޓިޓިއުޓް، ޕްރޮފެސާ ބޮބީ ޑަފީ ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ސަމާލުވެ ތިބުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އިރުޝާދު ދިން ކަމުގައި ވީ ނަމަވެސް އާންމު ރައްޔިތުންނަށް އެ މެސެޖު ފަހުމްވީ ގޭގައި ތިބޭށޭ ބުނި ބުނުމެއްގެ ގޮތުގައި ކަމަށެވެ.

ހުސްވި ހަފުތާއަށް ބަލާއިރު ބޮޑެތި މީހުންގެ ތެރެއިން ކޮންމެ 7 މީހަކުން 1، އެމީހަކު ދިރިއުޅެމުންދާ ގެއިން ބޭރަށް ނިކުމެފައެއް ނުވެއެވެ. އަދި ފާއިތުވީ 7 ދުވަހުގެ މުއްދަތަށް ބަލާއިރު 41 ޕަސެންޓް މީހުންނަކީ 5 ދުވަހަށް ވުރެ ގިނައިން ބޭރަށް ނުނިކުންނަށް މީހުން ކަމަށްވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

މި ނަމްބަރުތައް އަންގައިދެނީ ކޮވިޑް-19އާ މެދު މީހުން ދެކެމުންދާ ސީރިއަސް ނަޒަރުކަމަށްވެސް ޕްރޮފެސާ ޑަފީ ވަނީ ފާހަގަކުރައްވާފައެވެ.

ގޭގައި މަޑުކޮށްލައިގެން އެކުގައި ވަގުތު ހޭދަކުރަމުންދާ އާއިލާއެއް/ފޮޓޯ: ދަ ޓެލެގްރާފް

ހަމަ މިއާއެކު މާސްކު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށްވެސް މި ދިރާސާ ބުނެއެވެ. އެގޮތުން ފާއިތުވީ 6 ހަފުތާއަށް ބަލާއިރު، މާސްކު އަޅާ މީހުންގެ އަދަދު 2 ގުނަ އިތުރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 269127 މީހުންނެވެ. މީގެ ތެރޭގައި ހާލު ސީރިއަސް/ކުރިޓިކަލް 1559 މީހަކު ހިމެނެއެވެ. މި ބަލީގައި އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު 37837 އަށް ވަނީ އަރާފައެވެ.