ފާއިތުވި ދެ ދުވަސް ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 11 ދުވަހުގެ ކުއްޖަކާއި 89 އަހަރުގެ މީހަކު ހިމެނޭކަން ހާމަ ވެއްޖެއެވެ.

އެޗްޕީއޭގެ ޑޭޝް ބޯޑުން ދައްކާ ގޮތުން 89 އަހަރުގެ އުމުރުން ދުވަސްވީ، އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެއެވެ. އޭނާގެ ކޭސް ނަންބަރަކީ 1513 އެވެ. އަދި 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖަކު މިދިޔަ ބުދަ ދުވަހު މި ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، އެ ކުއޖްާގެ ކޭސް ނަންބަރަކީ 1464 އެވެ.

އިއްޔެ ކޮވިޑް-19 އަށް ރާއްޖެއިން 32 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ކުރީ ދުވަހު 24 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އިއްޔެއާ އޭގެ ކުރީދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 35 މީހުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 3 މީހެކެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1513 ކޭސް ފެނިފައި ވާއިރު، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް ރޭ ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައެވެ. ކުރިއަށް އޮތްތާވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ތަކެއް ދިނުމަށް ނިްނމާފައިވީ ނަމަވެސް ލޮކްޑައުންގެ މުއްދަތު ވަނީ ދަންމާފައެވެ.