ވިޔަފާރިތަކާ ގުޅުން ހުރި ހުއްދަތައް ނަގަން ޖެހޭނީ ސިޓީ ކައުންސިލުން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ދޫކުރުމާ ބެހޭގޮތުން މައުލޫމާތު ސާފުކޮށްދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ، އަމިއްލަ ހުއްދަތައް ދޫކުރުން މިހާރުވެސް ކުރިއަށް ދާނީ ކުރީގަވެސް ކުރި ގޮތަށް ފުލުހުން ކަމަށެވެ. އަދި އައި ބަދަލަކީ ވިޔަފާރިތަކާ ގުޅުން ހުރި އެކި އެކި ހުއްދަތަކަށް އެދި ހުށަހަޅަން ޖެހޭނީ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި އޮންނަ ޕޯޓަލް އަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުގެ ޕޯޓަލްއަށް ވިޔަފާރިތަކާ ގުޅުން ހުރި ހުއްދަތަކަށް އެދި ހުށަހެޅުމުން ވެރިފިކޭޝަން ޕްރޮސެސް އަކަށް ފަހު ފުލުހުން ހުއްދަތައް ދޫކުރާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ އޮފީސްތައް ހުޅުވުމަށް ހުއްދަ ނަގަން ޖެހޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕޯޓަލް އިން ކަމަށެވެ.

މިއަދުން ފެށިގެން ލޮކްޑައުން އަށް ލުއިތަކެއް ދީފައި ވާއިރު، ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައެއް ނުވެއެވެ. އެހެންނަމަވެސް ހުއްދަ ލިބޭ ވަރަކަށް އެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން ދެވޭ ލުއިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކުގެ ހިދުމަތްތައް ފުޅާކުރަން ރާވާފައި ވެއެވެ. އެގޮތުން ސުޕަމާކެޓްތަކާއި، ބޭކަރީތަކާއި، ކަންމަތީ ފިހާރަތަކާއި، ފާމަސީތަކާއި ބުކްޝޮޕްތަކުގެ އިތުރުން ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކާއި ހާޑްވެއާ ފިހާރަތައް ހުޅުވުމުގެ ހުއްދަ ދެވިފައި ވެއެވެ.

މީގެ އިތުރުން މޯބައިލް ފޯން ވިއްކާ ފިހާރަތަކާއި އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަތަކާއި، ކުޅޭ ސާމާނު ވިއްކާ ފިހާރަތަކާއި ފޮތި ފިހާރަތަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަ އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފިހާރަތަަކަށް އޮންލައިންކޮށް ވިޔަފާރި ކުރުމާއި ޑެލިވާ ކުރުމަށް ފުރުސަތު ހުޅުވޭނެއެވެ.