މިހާރު އެމްޑީޕީގެ ވިޕްލައިނަކީ ބޭނުން އެއްޗެއް ނޫން ކަމަށް ވެއްޖެ ކަމުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާމަން މޫސާ މަނިކު (ރީކޯ މުސަ) ވިދާޅުވެ އެ ޕާޓީއަށާއި އިސް އާރުކާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަނބަން ޖެހޭ އެއްޗަކަށް ނުވާ ކަމަށެވެ. އަދި 19ވަނަ މަޖްލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން "މިހާރު ކިތައް މެންބަރުން އެމްޑީޕީގެ ވިޕްލައިނާ ދެކޮޅު ހަދާފައި ވޭތޯ" އައްސަވާ މޫސަ ވަނީ ފާޑު ވިދާޅުވެފައެވެ.

އެގޮތުން ވިޕްލައިނާ ދެކޮޅު ހައްދަވާ މެންބަރުން ތިއްބެވި ނަމަވެސް އޭނާއަށް އެމްޑީޕީން ކުރި ކަހަލަ ހުކުމެއް އެ މެންބަރުންނަށް ނާންނަ ކަމަށާއި އެ މައްސަލަވެސް ނުބަލާ ކަމަށް މޫސަ ވިދާޅުވިއެވެ. އެހެންކަމުން އޭނާ ޕާޓީން ބޭރުކޮށްލީ އޭރު އެމްޑީޕީގެ ލީޑަރުންނަށް ބިރަކަށް ވީމައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި "އެމްޑީޕީގެ އިންސާފަކީ އެއީ" ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ އެހެން ވިދާޅުވީ، އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ، އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓްގައި މަޖިލީހުގެ 4 މެންބަރެއް އެމްޑީޕީގެ ވިޕްލައިނާ ހިލާފުވުމުން އެކަމާ ގުޅިގެންނެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ / ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހެޅުއްވި ބިލް ބަލައިގަތުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. ނަމަވެސް އެމްޑީޕީގެ ހަތަރު މެންބަރަކު މަޖިލީހުގައި ތިއްބަވާ އެ ބިލް ބަލައިގަތުމަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އެއީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާންގެ އިތުުރުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ.

މޫސަ ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ވިޕްލައިނާ ހިލާފުވި މެންބަރުންގެ މައްސަލަ އެމްޑީޕީން ބަލާނެ ކަމަށާއި ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.

އެމްޑީޕީ ޕީޖީ ލީޑަރަކަށް ހޮވިވަޑައިގެންނެވި އަލީ އާޒިމް

އާޒިމަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއާ އެކު ހުންނެވި ދުވަސްވަރު ވިޕްގެ މަގާމާއި ޕީޖީ ލީޑަރުކަމާއި ޗެއާޕާސަންގެ މަގާމު އޭނާ އަދާކުރެެއްވި ކަމަށެވެ. އޭރުވެސް ގަވާއިދު ބުނާ ގޮތުން ކުށެއް ކުރުމުން އޮންނަނީ އެއްބަޔަކު ޕާޓީގައި މައާފަށް އެދެންޖެހޭ ގޮތަށް ކަމަށާއި އަދި އަނެއް ބަޔަކު ޕާޓީން ވަކިކުރާ ގޮތަށް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ކުރިން އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވާ އޭނާ މަޑުން ހުންނެވީ، 2013 ވަނަ އިންތިހާބުން ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބު ވެވަޑައިގަތުމުން ޕާޓީ ތެރޭގައި ރައީސް ނަޝީދުގެ ރަސްމީ ހައިސިއްޔަތެއް ނެތުމުން ކަމަށެވެ. އަދި ޑިމޮކްރަސީގައި ރައީސްކަން ކުރަން ދެ ދައުރު އޮތް ނަމަވެސް ބައެއް ބޭފުޅުންނަކީ 20 ދައުރު ހަމަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ކަމަށް މޫސަ ވިދާޅުވެއެވެ. އެހެންކަމުން މިހާރުވެސް ކުރިއަށް ދަނީ އެ "ހަނގުރާމަ" ކަމަށް ރީކޯ މޫސަ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކުރީގައިވެސް ވެރިކަން ބޭނުން ވެގެން އެފަދަ "ހަނގުރާމަ" ކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ. އެ ގޮތުން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރާއި، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (މަންދު އިބުރާ) އާއި، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ފަދަ ބޭފުޅުން އެމްޑީޕީން ދުރަށް ލި ގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އަމާޒު ކޮށްފައި ހުރިކަަން ރައްޔިތުންނަށް ވެސް އިނގޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޕާޓީތަކުން ނެރޭ ތްރީލައިން ވިޕްތަކާ ދެކޮޅަށް ވޯޓް ދޭ މެންބަރުންނަށް އެމްޑީޕީން ވަނީ ފިޔަވަޅު އަޅާފައެވެ. އެމްޑީޕީގެ ވިޕް ބްރޭކް ކުރި މެންބަރުންނަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ސުވާލު އުފައްދާ މިއަދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދިޔައީ އެމްޑީޕީއަށް ފާޑު ކިޔަމުންނެވެ.