ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ ޕްރީ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ފެށުމަސް ސްކޫލުތައް ހުޅުވާލުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި އަންނަ ސެޕްޓެމްބަރު މަހު، ޕްރީ ސްކޫލުތަކާއެކު، ޑޭ ކެއާ ސެންޓަރުތައް އަދި ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް ވެސް ހުޅުވާލާނެއެވެ. ނަމަވެސް، ސެޕްޓެމްބަރުގެ ކުރިން ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ވަނީ ނިންމާފައެވެ.

މިކަން ކުރުމަށް ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ޕްރީ ސްކޫލުތަކާއެކު، ޑޭ ކެއާ ސެންޓަރުތައް އަދި ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވާލުން ހިމެނެނީ ތިން ވަނަ ފިޔަވަހީގައެވެ.

ފުރަތަމަ ފިޔަވަހި ދެމިގެންދާނީ އެއް މަސް ދުވަހުގެ ނިޔަލަށެވެ. އެގޮތުން މި ފިޔަވަހި ވަނީ ދެބަޔަކަށް ބަހާލާފައެވެ. ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާ އަދި ޖޫން މަހުގެ ފަހު ދެ ހަފްތާއަށެވެ. ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ދެ ހަފްތާގައި ސްކޫލުތައް ނުހުޅުވުމަށް ވަނީ ނިންމާފައެވެ. އަދި ފުރަތަމަ ފިޔަވަހީގެ ފަހު ދެ ހަފްތާގައި، ކޮވިޑް-19 ނެތް ރަށްރަށުގައި ހެލްތް މިނިސްޓްރީން ކަނޑައަޅާ ގޮތްތަކުގެ މަތިން ސްކޫލުތަކުގެ ސްޓާފުންނާއި ޓީޗަރުންނަށް ސްކޫލަށް ދިއުމުގެ ހުއްދަ ލިބިގެން ދާނެއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސްކޫލް ދަރިވަރުންނާއެކި / ފޮޓޯ: އެޑިއުކޭޝަން

ދެވަހަ ފިޔަވަހި ދެމިގެން ދާނީ ދެ މަހަށެވެ. އެގޮތުން ހަތަރު ބަޔަކަށް މި ފިޔަވަހި ބަހާލާފައިވާއިރު، އެއީ ޖުލައި މަހުގެ ފުރަތަމަ ދެހަފްތާ، ފަހު ދެ ހަފްތާ އަދި އޮގަސްޓްމަހުގެ ފުރަތަމަ ދެ ހަފްތާއާއި ފަހު ދެ ހަފްތާއެވެ.

ޖުލައި މަހު ސްކޫލުތައް ހުޅުވާލާނީ ކީސްޓޭޖް 4 އަދި 5 އަށެވެ. އެއީ ގްރޭޑް 9 އިން ފެށިގެން މަތީގެ ގްރޭޑް ތަކެވެ. މި މުއްދަތުގައި ބަލި ނެތް ރަށްރަށުގައި ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެއެވެ. ޖުލައި މަހުގެ ތިން ވަނަ ހަފްތާގައި ކީ ސްޓޭޖް 3 (ގްރޭޑް 7،8)ގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު، ކީސްޓޭޖް 1 އަދި 2 (ގްރޭޑް 1 އިން ގްރޭޑް 6)ގެ ކިޔެވުން ފަށާނީ އޮގަސްޓްމަހުއެވެ.

ސްކޫލު ދަރިވަރުން / ފޮޓޯ: ރައީސް އޮފީސް

ސްކޫލުތައް ހުޅުވާއިރު، ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ވަކި އަދަދެއްގެ ކުދިންނަށް ކްލާހުގައި ކިޔަވައިދިނުމާއި، ދަރިވަރުންނާއި މުވައްޒަފުން މާސްކު އޅުމައި، ސްކޫލަށް ވަންނައިރު ސްކްރީން ކުރުން އަދި އިތުރު ހަރަކާތްތަކާއި އެސެމްބްލީތައް ނުބޭއްވުން ހިމެނެއެވެ. ދިގު މުއްދަތަކަށް ބޭސް ކުރާ ދަރިވަރުންނާމެދު އަމަލު ކުރަނެ ގޮތުގެ އެސްއޯޕީއެއް އެކުލަވާލުމާއި، ކްލާހަށް ހާޒިރު ނުވެވޭ ކުދިންނާށް އޮންލައިން ކްލާސް ބޭއްވުން އަދި ގައި ދުރުކަމާއި ކްލާސްރޫމް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން އަތް ސާފު ކުރެވޭނެ އިންތިޒާމްތައް ކްލާހުގައި ހަމަޖައްސާފައި ވެސް ހުންނަން ޖެހޭނެއެވެ.