ހަލުވިކަމާއެކު ފެތުރިގެން ދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ވިލާތުގެ 24 ގައުމަކުން މިއަހަރުގެ މާޗް މަހުން ފެށިގެން އިތުރު 159000 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ޔޫރަޕް ޑައިރެކްޓަރު ހާންސް ހެންރީ ކްލޫގް ވިދާޅުވެއްޖެއެވެ.
އިތުރު މަރުގެ ގޮތުގައި ބަލަނީ ކާރިސާއެއްގައި ވަގުތުގައި އާންމު ހާލަތެއްގައި މަރުވާ މީހުންނަށް ވުރެ އިތުރަށް މަރުވާ މީހުންނެވެ.
މިމައުލުމާތަކީ ރަޝިއާ އަދި ތުރުކީވިލާތްވެސް ހިމެނޭ ގޮތަށް ވިލާތުގެ 53 ގައުމަކުން މައުލޫމާތު އެއްކޮށްގެން ޑަބްލިއު.އެޗް.އޯއިން އާންމުކުރި މައުލޫމާތެކެވެ.
އިތުރު ތަފްސީލު ހާމަކުރައްވަމުން ޔޫރަޕް ޑައިރެކްޓަރު ވިދާޅުވީ ވިލާތުން 2 މިލިއަނަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު 175000 އަށްވުރެ މައްޗަށް އަރާފައިވާކަމަށެވެ. މިއީ އަހަރުގެ މި ދުވަސްވަރު އާންމުކޮށް މަރުވާ މީހުންނަށްވުރެ އިތުރު އަދަދެއް ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޑަބްލިއު.އެޗް.އޯއަށް ކޭސް ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު ކޮވިޑް-19ގައި މަރުވި މީހުންގެ 94 ޕަސެންޓް ހިއްސާކުރަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. އަދި އޭގެ 59 ޕަސެންޓް ހިއްސާކޮށްފައިވަނީ ފިރިހެނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މަރުވި މީހުންގެ ތެރެއިން 97 ޕަސެންޓް މީހުންނަކީ ބަލިޖެހުނުއިރުވެސް ސިއްހީ ކޮންމެވެސް މައްސަލައެއް ހުރި މީހުންނެވެ. އެންމެ އާންމު މައްސަލައަކަށްވެފައި އޮތީ ހިތުގެ ބަލިތަކެވެ.
ވިލާތު ސަރަހައްދުގެ އަދުގެ ހާލަތު ތަފްސީލުކޮށްދެއްވަމުން ޑައިރެކްޓަރު ވިދާޅުވީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19ގެ 38 ޕަސެންޓް ކޭސް ހިއްސާކުރަނީ ވިލާތުން ކަމަށާ، މަރުގެ ކޭސްތަކުގެ ތެރެއިން 50 ޕަސެންޓް ހިއްސާކުރަނީވެސް ހަމަ އެ ސަރަހައްދުން ކަމަށެވެ.
ޑަބްލިއު.އެޗް.އޯއިން ވިލާތަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓަރު ވަނީ، 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމުން އިބުރަތް ހާސިލުކޮށް، އެ ދުވަސްވަރު ސިއްހީ ހިދުމަތުގެ ނިޒާމަށް ގައުމުތަކުން ޚަރަދު ކުޑަކުރި ކުރުމުން ފިލާވަޅު ދަސްކުރުމަށް ގައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.