މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން، އެފްރިކާ ބައްރުގައި ހަލުވިކަމާއެކު ފެތުރެމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އެފްރިކާ ގޮފިން ބުނެފިއެވެ.

އެފްރިކާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑައިރެކްޓަރު، ޑރ މަޓްޝިޑީސޯ މޮއެޓީ ވިދާޅުވީ 1000 ކޭސް ރިޕޯޓު ކުރުމަށް 36 ދުވަސް ފާއިތުވިއިރު، 62 ދުވަހުގެ ތެރޭގައި 100000 ކޭސް ހަމަވިކަމަށާ، މިހާރު ކޭސް ނަމްބަރު އުޅެނީ 100000 އަށްވުރެ މަތީގައި ކަމަށެވެ.

ދުނިޔޭގައި ބިމުގެ ގޮތުންނާ އާބާދީގެ ގޮތުން ދެވަނައަށް އެންމެ ބޮޑު އެފްރިކާ ބައްރުގެ އެކި ގައުމުގެ ހާލަތު ތަފާތުކަން ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ.

ޑރ މޮއެޓީ ވިދާޅުވީ ފާއިތުވީ 2 ހަފުތާއެއްހާ ދުވަހަށް ބަލާއިރު 5 ގައުމަކުން ކޭސް ރިޕޯޓްކުރި މިންވަރު 3 ގުނަ އިތުރުވިއިރު، 10 ގައުމަކުން ކޭސް ރިޕޯޓްކުރި މިންވަރު ވަނީ 2 ގުނަ އިތުރުވެފައެވެ. އަދި ގިނަ ގައުމުތަކުގައި މިވަގުތު ޖުމުލަ ކޭހުގެ އަދަދު އުޅެނީ 1000 އަށްވުރެ ދަށުގައި ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާ ބަލާއިރު އެފްރިކާގައި ކޮވިޑް-19ގެ ކޭސްތައް ނިސްބަތުން މަދު ކަމުގައި ވީ ނަމަވެސް، ފިޔަވަޅުތަކަށް ލުއި ނުދޭނެކަން ޑަބްލިއު.އެޗް.އޯގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.