ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ފުވައްމުލަކުން 100 ރެންޑަމް ސާމްޕަލް ނަގައިފިއެވެ.
މިކަމާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، އެ ސިޓީގެ އާބާދީގައި ކޮވިޑް-19 ބަލި ފެތުރޭތޯ ބެލުމުގެ ގޮތުން، އެ ސިޓީން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި 100 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މި ސާމްޕަލްތައް މިހާރުވަނީ ޓެސްޓް ކުރުމަށްޓަކައި މާލެ ފޮނުވުމަށް ސީ އެމްބިއުލާންސްގައި އައްޑޫއަށް ފޮނުވާލާފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުން ވަނީ މިކަމުގައި ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން ދިން އެއްބާރުލުމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ފުވައްމުލަކުން 100 ރެންޑަމް ސާމްޕަލް ނަގާފައިވަނީ މިދިޔަ އަންގާރަ އަދި ބުދަ ދެ ދުވަހުއެވެ. މި ކަމުގައި ހަރަކާތްތެރިވެފައި ވަނީ އެރަށުގެ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓާ ވެސް އެކުއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފުވައްމުލަކުން ވަނީ މީގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދާއެކު، މިސްކިތްތައް ބަންދު ކުރުމާއި ފިހާރަތަކާއި، ވިޔަފާރި ގާޑިޔާ، ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ހުޅުވައިގެން ވިޔަފާރި ކުރުން މަޑުޖައްސާލުމުގެ އިތުރުން ފަހާތަންތަން، ގަރާޖް، ވޯކްޝޮޕް، ސެލޫން އަދި ވަޑާން ކުރާ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުން ވެސް ވަނީ މަޑު ޖައްސާލާފައެވެ. ނަމަވެސް، މިހާރު މި ފިޔަވަޅުތައް ވަނީ ނަގާފައެވެ.
މީގެ އިތުރުން ފުވައްމުލަކުގައި ފިނިބުރު ޖެހުން ގިނަވެ، ސިޓީ ކައުންސިލުން ވަނީ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ނައިބު ތުއްތު މަގު ބަންދު ކުރުމަށް ނިންމާފައެވެ. ނަމަވެސް މިހާރު އެ ނިންމުން އުވާލާ، ނައިބު ތުއްތު މަގު ވަނީ އާންމު ކޮށް ހުޅުވާލާފަައެވެ.
މިހާރު ވެސް ފުވައްމުލަކުގައި 3 މީހުންނަށްވުރެ ގިނައިން އެއްތަން ނުވުމަށާއި ގެއިން ބޭރަށް ނިކުންނަ އިރު އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރުމަށް އެ ސިޓީގެ ކައުންސިލުން އިލްތިމާސް ކުރެއެވެ. އަދި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ވިޔަފާރި ކުރުމާމެދު އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ފިހާރައަށް ވަނދެވޭނީ ވަގުތަކު ވަކި އަދަދެއްގެ މީހުންނަށް ކަމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.