އެކި ދުވަސްމަތިން މިހާތަނަށް ހަތަރު މިސްކިތްތަކުން 18 ފަންކާ އަކާއި އެއް މައިކް ވަގަށް ނަގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މާލެ ސިޓީ ކައުންސިލުން ބުނީ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތް ތަކުގެ ތެރެއިން މިހާތަނަށް އެކި ދުވަސް މަތިން ހަތަރު މިސްކިތްތަކުން 18 ފަންކާއަކާއި އެއް މައިކް ވަގަށް ނަގާފައިވާ ކަމަށެވެ.

މިއީ މާލެ ލޮކްޑައުން ކުރުމުގެ ކުރިން ފެށިގެން ވަގަށް ނަގަމުން އަންނަ ތަކެތި ކަމަށް ވާއިރު، 11 ފަންކާ ނަގާފައި ވަނީ ބޮޑުގޭ ވަގުތީ މިސްކިތުންނެވެ. އިތުރު ފަސް ފަންކާ ދަރުމަވަންތަ މިސްކިތުން ވަގަށް ނަގާފައި ވާއިރު، ދެ ފަންކާ ވަނީ އެދުރު މިސްކިތުން ނަގާފައެވެ. އަދި އާދިލް މިސްކިތުން މައިކެއް ވަގަށް ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ މިސްކިތްތަކުން އެފަދަ ތަކެތި ވަގަށް ނެގުމަކީ އާންމު ކަމެއް ކަމަށާއި މީގެ ކުރިން ފެން މޯޓަރު ފަދަ ތަކެތިވެސް ގެންގޮސްފައިވާ ކަމަށެވެ.

ވައްކަން ކުރުން މާލޭގައި އާންމުވެފައި ވާއިރު، މާލޭގެ ހުކުރު މިސްކިތުންވެސް އެފަދަ ތަކެތި ވަގަށް ނަގާކަން ވަނީ ފާހަގަ ވެފައެވެ.

މި މައްސަލަ ފުލުހުން ބަލާކަމެއް ނުވަތަ ނޫންކަމެއް ސާފުވާ ގޮތެއް ނުވެއެވެ.