ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކޮވިޑް ނެތް ރަށްރަށް ފިޔަވައި، އެހެން ރަށްތަކުގައި ޖަމާއަތުގައި ނަމާދުނުކުރަން އޮތް އޮތުން އަންނަ މަހުގެ 14 އަށް ދަންމާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ‏ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް އޮތުން އަންނަ މަހުގެ 14 ވާ އާދީއްތަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައި ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތް ތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.

ނަމަވެސް ފަހުން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އޭޕްރީލް 19 ވަނަ ދުވަހު ނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި އެރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރި ނަމަވެސް އަންނަނީ ބަންގިގޮވަމުންނެވެ. އަދި ބަންގީގެ ފަހުގައި ހުރިހާ އެންމެން ވެސް ގޭގައި ނަމާދުކުރުމަށް ވެސް އަންނަނީ ގޮވަމުންނެވެ.