އޮފީސްތަށް ހުޅުވި ނަމަވެސް އޮފީހުގައި ބޭނުންކުރާ ތަކެތި އެކަކު އަނެކަކާ "ޝެއާ" ނުކުރުމަށް އިލްތިމާސް ކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތު ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިމިނަތު ސަމިއްޔާ ވިދާޅުވީ އޮފީހަށް މަސައްކަތު ދާއިރު ދާ ބޭނުން ހާސިލް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އޮފީސް ތަކުގައި ފިޒިކަލް ޑިސްޓެންސް ބެހެއްޓުމާއި ސޯޝަލް ކޮންޓެކްޓް މަދުކުރުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބޭނުންކުރާ ތަކެތި އެކަކު އަނެކަކަށް ދިނުން މަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޒިކަލީ ޑިސްޓެންޓް މާހައުލެއްގައި މަސައްކަތްކުރުމާއި ލެޕްޓޮޕް ނުވަތަ ބޭނުންކުރާ ފޮތް ފަންސޫރު ގަލަން ކަހަލަ އެއްޗެހި ޝެއާ ކުރުމާއި މިކަހަލަ ކަންކަން ވީހާވެސް ލިމިޓް ކޮށްފަ، ކޮންޓެކްތް ބިޓްވީން މީހުން މަދުކުރުން އެންމެ މުހިންމީ
ސަމިއްޔާ

މިއަދުން ފެށިގެން ލޮކްޑައުން އަށް ލުއިތަކެއް ދީފައި ވާއިރު، ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައެއް ނުވެއެވެ. އެހެންނަމަވެސް ހުއްދަ ލިބޭ ވަރަކަށް އެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން ދެވޭ ލުއިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކުގެ ހިދުމަތްތައް ފުޅާކުރަން ރާވާފައިވެއެވެ. އެގޮތުން ސުޕަމާކެޓްތަކާއި، ބޭކަރީތަކާއި، ކަންމަތީ ފިހާރަތަކާއި، ފާމަސީތަކާއި ބުކްޝޮޕްތަކުގެ އިތުރުން ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކާއި ހާޑްވެއާ ފިހާރަތައް ހުޅުވުމުގެ ހުއްދަ ދެވިފަިއވެއެވެ.

މީގެ އިތުރުން މޯބައިލް ފޯން ވިއްކާ ފިހާރަތަކާއި އިލެކްޓްރޯނިކް ސާމަނުތައް ވިއްކާ ފިހާރަތަކާއި، ކުޅޭ ސާމާނު ވިއްކާ ފިހަރަތަކާއި ފޮތި ފިހާރަތަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަ އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފިހާރަތަަކަށް އޮންލައިންކޮށް ވިޔަފާރި ކުރުމާއި ޑެލިވާ ކުރުމަށް ފުރުސަތު ހުޅުވޭނެއެވެ.

ޑެލިވަރީ ސާވިސް، އޮޓޯ މޯބައިލް، ކޮންސްޓަރްކްޝަން، އިލެކްޓްރޯނިކް ރިޕެއާ ވޯކްޝޮޕްތަކުގެ ހިދުމަތްތައް ދިނުމަށް މި ދުވަސްތަކުގައި ހުޅުވޭނެ ކަމަށާއި މަސްމާރުކޭޓުވެސް ވަނީ ހުޅުވާލާފައެވެ.

ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި އަދި ވިޔަފާރިކުރުމަށް ދެވޭ ޖާގަ ދިނުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ދެވޭނެ ލުއި ދިނުމަށާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް އޮތް ޖާގައިގެ މައްޗަށް ބަލާފައި ވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.