ލޮކްޑައުންގެ މިހާލަތުގައިވެސް 4818 މީހަކަށް މާލެ އައުމުގެ ހުއްދަ ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިއަދުގެ މެންދުރު ފަހު 2:00 އާ ހަމައަށް 4818 ފަރާތަކަށް ހުއްދަ ދެވިފައިވާ ކަމަށެވެ. އަދި އީދަށް ފަހު މާލެ އަންނަ މީހުންގެ އަދަދު އިތުރުވަމުން ދާ ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މާލޭގައި ބޭނުން ކުރާ ހުއްދަތަކުގެ ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ ކުރިން ދެވިފައިވާ ހުއްދަ ތަށް ބޭނުން ކުރެވޭނެ ކަމަށާއި މިހާރު އެދިފައިވާ ހުއްދަތަށްވެސް ދެމުން ގެންދާނެ ކަމަށެވެ.
ފުރަތަމަ ފިޔަވަހީގައި އިޖުތިމާއީ އަދި ވިޔަފާރިއާ ގުޅޭ ހުރިހާ ކަމަކަށް ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް އަކަށް ކަމަށާއި މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީން ބެލުމަށް ފަހު ހުއްދައަށް އެދުނު ފަރާތްތަކުގެ މައުލޫމާތު ފުލުހަށް ލިބޭނެ ކަމަށާއި، އެއަށް ފަހު ހުއްދަ ދެމުން ގެންދާނެ ކަމަށެވެ.
ހުއްދަ ނުދެވޭނީ މޮނިޓަރިންގައި ހުރި ތަންތަނަށް އެކަނި ކަމަށާއި މިހާރު ވަކި ފަރުދުންނަށް ދީފައިވާ ހުއްދަތަށް ބޭނުން ކުރުމުގައި އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް ބޭނުން ކުރުމަށް ފުލުހުން އިލްތިމާސް ކުރެވެއެވެ.