ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ކަރަންޓީން ފެސިލިޓީގައި މަސައްކަތްކުރާ ނަރުހަކަށް ފުލުހަކު ޖިންސީގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަމުން އެބަދެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ބަލަމުން ދަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ސީނިއާ ސްޓާފެއް ބޭނުން ވެގެން އައިޖީއެމްއެޗުންނެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދިން އެޗްއައިއެޗްގެ މަސްދަރަކުން ބުނީ ތުހުމަތު ކުރެވޭ ޒާތުގެ އެއްވެސް ކަމެއް ހިނގިކަން ނޭނގޭ ކަމަށާއި ތުހުމަތު ކުރެވުނު ނަރުހާއި ފުލުސް މީހާ "އެ ބުނާ ހާދިސާއަށް ފަހުވެސް" ހީނހީނފައި އުޅުނުތަން ފެނުނު ކަމަށެވެ.

އެ ތުހުމަތު ކުރާ ކަންތަށް ހިނގީ އީދު ދުވަހު އީދުގެ މަޖާ ކުރުމުގެ ތެރެއިން ކަމަށާއި "ޓީމް ބިލްޑު" ކުރުމަށް އެޗްއައިއެޗްގައި އެފަދަ ދުވަސްތަށް އެތާ ތިބޭ ހުރިހާ އޮފިޝަލުން އެކީގައި ފާހަގަ ކުރަމުންދާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

މީގެ އިތުރުން ބުނީ އީދު ދުވަސް ފާހަގަ ކުރުމުގައި އެ ނަރުހަށް ފުލުސް މީހާ ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ފާހަގަ ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.

ނަރުހަކަށް ޖިންސީގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް މައްސަލަ ބަލަން ފަށާފައި ވާއިރު، މިމަހުގެ 11 ވަނަ ދުވަހު އއ. ވެލިދޫގައި ގާއިމު ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެމްއެންޑީއެފް ކޮމާންޑަރަކު ދަންވަރު ވަގުތު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ފުލުހުން ބަލަމުން ދާ ކަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ. ފުލުހުން ބަލަމުން ދަނީ އެމްއެންޑީއެފްގެ މޭޖަރެއްގެ މަގާމުގައި ހުންނެވި ސިފައިންގެ ބޭފުޅެއްގެ މައްސަލަ ކަން އެނގިފައި ވެއެވެ.

އަދި އެ ހާދިސާ ހިނގާފައި ވާކަން އެނގިފައި ވަނީ އެރޭގެ ދަންވަރު، އަންހެން ޑޮކްޓަރު ސިފައިންގެ އިސް މީހާ ހުންނަ ކޮޓަރިން ނިކުންނަނިކޮށް ފުލުހަކަށް ފެނިގެން ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ. އެ ހާދިސާއަށް ފަހު ޑޮކްޓަރު މާލެ އައިސްފައި ވާ ކަމަށާއި ނަމަވެސް ސިފައިންގެ މީހާ އެ ރަށުގައި ހުރި ކަމަށްވެސް ބައެއް މީޑިއާތަކުން އޭރު ވަނީ ރިޕޯޓް ކޮށްފައެވެ.