މާލޭގެ މަސް މާރުކޭޓުން ވިޔަފާރިކުރަން މަދު ބަޔަކަށް ވަދެވޭނެ ގޮތަށް މިއަދު ހުޅުވަން ސަރުކާރުން ހުއްދަ ދީފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ލޮކްޑައުން އުވާ ނުލާ ލުއިތަކެއް ދޭން ނިންމާފައި ވާއިރު މިއަދުން ފެށިގެން މަސް މާރުކޭޓު ހުޅުވަން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްފިލް މަހުގެ 15 ވަނަ ދުވަހުގައެވެ. މިއަދާ ހަމައަށް އައި އިރު މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އޮތް އޮތުން އަދިވެސް ދެމި އޮންނަ ގޮތަށް ހަމަޖައްސާ، ވަކި ހިފެހެއްޓުންތަކާއެކު، މީހުން އެއް ތަނުން އަނެއް ތަނަށް ދިއުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން މިއަދު މަސްމާރުކޭޓު ހުޅުވާއިރު، އެތަނުގައި މަސް ވިއްކާ ސްޓޯލްތައް މަދުކޮށް، މަދުން މީހުން ވައްދައި، ގައި ދުރުކަން ބެހެއްޓޭ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި މިއަދު މަސްމާރުކޭޓު ހުޅުވާ އިރު އެތަނުގައި އަތް ދޮވެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައި ބެހެއްޓުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި އަދި ވިޔަފާރިކުރުމަށް ދެވޭ ޖާގަ ދިނުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ދެވޭނެ ލުއި ދިނުމަށާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް އޮތް ޖާގައިގެ މައްޗަށް ބެލުމަށް ފަހުގައެވެ.