މިހާތަނަށް ޓެސްޓް ކުރެވުނު ބިދޭސީ އާބާދީގެ 75 ޕަސެންޓް މީހުންނަށް ކޮވިޑް-19 ޖެހި މިހާރު ރަނގަޅު ވެފައިވާ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ޑރ. ޝީނާ ވިދާޅުވީ، މިކަން ހާމަވެފައި ވަނީ ހެދި ދިރާސާތަކުން ކަމަށެވެ. އެގޮތުން، އެންޓިބޮޑީ ޓެސްޓް ހެދި ބިދޭސީ އާބާދީގެ ގިނަ މީހުންގެ އެންޓި ބޮޑީސް ހުރިކަން ޓެސްޓްތަކުން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ، އެ މީހުންގެ ފުށުން އެ ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ކަމަށެވެ.

މީގެ ކުރިން ބަލި ޖެހި ރަނގަޅުވެފައި ތިބި ބަޔަކު ބިދޭސީންގެ ތެރޭގައި ތިބިތޯ ބެލުމަށް ދިރާސާ ކޮށްސްފައި ވަނީ ޓެގް ޓީމްގެ ފަރާތުން އިތުރަށް ދިރާސާ ކުރަން ބޭނުންވީތީއެވެ. އެގޮތުން ރާއްޖޭގައި ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންގެ އަދަދެއް ބެލުމަށްޓަކައި ފުރަތަމަ ސެރޯލޮޖީ ޓެސްޓު ކުރީ ތޮއްޖެހިގެން ބިދޭސީން އުޅެމުން ދާ ތަންތަނުންނެވެ.

ދުނިޔޭގެ ގިނަ ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ.

ސެރޯލޮޖީ ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓްއަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ. އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ.