ސުނާމީއާއި ގްލޯބަލް ފައިނޭންޝަލް ކްރައިސިސްއަށް ވުރެ މިފަހަރުގެ ގެއްލުން ބޮޑުވާނެ ކަމަށާއި، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކޮމަންވެލްތުގެ އެހީީތެރިކަން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމާއި ދަރަނި އަދި ކާރިސީ ހިރާސް ބެލެހެއްޓުމާއި ގުޅޭގޮތުން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ބޭއްވި ސެމިނާގައެވެ. މި ސެމިނާގައި މިނިސްޓަރު އަލީ ވަހީދު ވަނީ ރާއްޖޭގެ އިގްތިސޯދާއި ފަތުރުވެރިކަމަށް މި ޕެންޑެމިކްގައި ކޮށްފައިވާ އަސަރުތަކާއި ގުޅޭގޮތުން އަދި ރާއްޖޭގެ އިގްތިސޯދު އަލުން ދިރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރުން މުޅި ގައުމުގެ އުފެއްދުންތެރި ކަމަށް ހީނަރުކަން އައިސްފައިވާ ކަމަށެވެ. ހަމައެހެންމެ، ދިމާވެފައި މިވާ ކާރިސާގައި ދިވެހި ރައްޔިތުންގެ ދިފާއުގައި ރިސޯޓް، ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް ހިމެނޭގޮތަށް ފަތުރުވެރިކަމުގެ އެކި ވަސީލަތްތައް ބޭނުންކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން އާޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކީ މި ބަލިފެތުރުން ކޮންޓްރޯލް ކުރެވެމުންދާ ކަމަށެވެ. އަދި އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ބޭނުންވާ ރައްކާތެރިކަމުގެ އުސޫލުތައް ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންގެ ލަފައާއި މަޝްވަރާގެ މަތިން އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
ފަތުރުވެރިކަން އަލުން ފަށައިގަތުމުގެ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރައްވާ އަލީ ވަހީދު ވަނީ ކޮމަންވެލްތް ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި ދޭދޭ ގައުމުތަކުގެ ދޭތެރޭގައި ރައްކާތެރިކަމާއެކު ދަތުރު ފަތުރު ކުރެވޭނެ އުސޫލުތައް އެކުލަވާލުމަށް ވެސް އޭނާގޮވާލެއްވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މިއީ ތިމާވެށި ރައްކާތެރިކޮށް މޫސުމީ ބަދަލުތައް ހުއްޓުވުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމަށް ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި މިއީ ފަތުރުވެރިކަން އަލުން ފެށުމުގެ ތެރޭގައި ދިވެހި މުވައްޒަފުންނަށް އިތުރު ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށާއި ޖިންސުގެ ތަފާތުކުރުން ނައްތާލުމަށް ލިބިގެންދާ ފުރުސަތެއްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އަލީ ވަހީދު ވަނީ މި ހާލަތުގައި ކުރަމުންދާ މަސައްކަތުގައި ކޮމަންވެލްތްގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްކާތެރިކަމާއެކީ އަލުން ދަތުރުފަތުރު ކުރުމަކީ ދިމާވެފައި މިވާ ކާރިސާއިން އަރައިގަތުމަށް ރާއްޖެފަދަ ގައުމުތަކަށް އެންމެ މުހިންމު ކަން ކަމުގައިވާތީ ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުން އަލުން ފެށުމަށް އޭނާ ވަނީ ބާރުއަޅާފައެވެ.
މި ސެމިނާގެ ރިޔާސަތު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެލެހެއްޓެވިއިރު، މި ސެމިނާގައި މާލްޓާގެ ކުރީގެ ބޮޑުވަޒީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.