ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުން އަދި އިނގިރޭސިވިލާތުން 23 ދިވެހިން އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދިވެހިން ދަތުރުކުރާނީ ލަންޑަނުން، ސްރީލަންކަން އެއާލައިންސްގައި ކަމަށާއި ބެލަރޫސްގައި ތިބި ދަރިވަރުން އެ ފްލައިޓަށް ޖޮއިންކުރުމަށް ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދަތުރުކުރާނެ ކަމަށެވެ.

ފްލައިޓްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ، ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީއާ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ ސްރީލަންކަން އެއަރލައިންސްއާ އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ މިނިސްތްރީން ބުނެއެވެ.

އެ ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ހަރަދުގައި ކަމަށައި ރާއްޖެ އައުމަށްފަހު 14 ދުވަހަށް ކަރަންޓީން ކުރެވޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.