ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި ވިދާޅުވެފައި ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކްލަ ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ބޭއްވިފައި ނުވާ ކަމަށެވެ. އަދި އިންތިހާބު ފަސްކުރުމަށް ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅާ އަންނަ އަހަރުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް އަންނަ މަހުގެ ތިންވަނަ ދުވަހު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މެންބަރުކަމުގެ ދައުރު ހަމަވާ ކަމަށާއި އެއަށްފަހު އެ މަގާމުތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެ ކަމަށް ގަރާރުގައިވެއެވެ. އަދި އެ ގާނޫނީ ހުސްކަން ފޫބެއްދުމަށް ސަރުކާރުން ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށްވެސް ގަރާރުގައިވެއެވެ. މީގެއިތުރުން ކޮވިޑް19 ގެ މިހާލަތުގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުން އިއްތިފާގު ނުވާތީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ދެއްވުމަށް ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވަނީ އެދިވަޑައިގެންފައެވެ.

މިހާތަނަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފައެއް މަޖިލީހަށް ލިބިފައިވެއެވެ. އެ ދެ ބޭފުޅުން ވިދާޅުވަނީ މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލަރުންގެ ދައުރު ދަންމާލެވޭނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި ގަފޫރުގެ އެ ހުށަހެޅުމަކަށް ވޯޓަކަށް ނާހައެވެ. މިރޭ 9:00ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް ބޭއްވުމަށް ރިޔާސަތުން ވަނީ ނިންމާފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިރޭ ބިލަށް ބަހުސްކޮށް ނިންމާ ބިލު ބަލައިގަތުމާއި މެދު ގޮތެއް ނިންމާނެއެވެ.