ގާނޫނުއަސާސީ އިސްލާހު ކުރުމަށް ވޯޓު ދެއްވާނީ އަމިއްލަ ނަފްސަށް އެންމެ ރަނގަޅު ގޮތަށް ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ މިވަގުތު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ކޮންމެހެން ގާނޫނުއަސާސީ އިސްލާހު ކުރަން ނުޖެހޭ ކަމަށެވެ. އެނޫން ގޮތަކަށް ވެސް ކަންކަން ކުރެވިދާނެ ކަމަށާއި ނަމަވެސް މިއީ ގާނޫނުއަސާސީ އިސްލާހު ކުރަންޖެހޭ ވަގުތެއް ނޫން ކަމަށާއި ޕާޓީން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އެފަދަ ކަމަކަށް ވޯޓު ނުދެއްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.

"ގާނޫނެއް ބަދަލު ކުރަން ވިޕްލައިނަށް ތަބާވިއަސް ގާނޫނުއަސާސީއަށް މިފަދަ ދަނޑިވަޅެއްގައި އިސްލާހު ގެންނަން ވޯޓު ދޭނީ، ޕާޓީ އަދި ސަރުކާރު ބުނާ ގޮތަކަށް ނޫން. ވޯޓު ދޭނީ އަމިއްލަ ކޮންވިކްޝަންތަކާއި އެއްގޮތަށް،" އިންތި ވިދާޅުވިއެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ދެވެން ނެތް ސަބަބުތައް ހާމަ ކުރައްވަމުން އިންތި ވިދާޅުވީ ނިމިދިޔަ ރަމަޟާން މަހުގައި ޖެހިގެން ހުންނަ އެއްބަނޑު އެއްބަފާ މީހާގެ އެޕާޓުމަންޓަށް ރޯދަ ވީއްލަން ދިއުން މަނާކޮށްފައިވާ ހާލަތެއްގައި އަދި މިސްކިތްތަކަށް އަރާ ނަމާދު ކުރުންވެސް މަނާކޮށްފައިވާ މި ދަނޑިވަޅަކީ ގާނޫނުއަސާސީ އިސްލާހު ކުރުން އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މުސްކުޅި މައިންބަފައިން، ކޮންމެ މީހަކުވެސް ބޭނުންވާނެ އެމީހުން ގާތަށް ގޮސްލަން. އެއީ މާތްކަން އިތުރުވެގެންވާ ކަމެއް. މިހާލަތުގައި މައިންބަފައިން ގާތަށް ޒިޔާރަތް ނުކުރުން އެއީ މާތްކަން އިތުރުވެގެންވާ ކަމެއްގެ ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރުގައި އެކަން އޮތީ އެގޮތަށް، މިއީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަގުތެއްތޯ،" އިންތި ވިދާޅުވިއެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ މި އިސްލާހު ހުށަހަޅާފައިވާއިރު މީގެކުރިން މަޖިލީހުން ވަނީ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބަންޑާރަ ނާއިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވަނީ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.