މާލެއިން ކޮވިޑް19 ފެނި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގައި ލޮކްޑައުން އަމުރާ ހިލާފުވި 19 މީހަކު އިއްޔެވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އިއްޔެ ލޮކްޑައުން އަމުރާ ހިލާފުވެގެން 19 މީހަކު ހައްޔަރުކުރިއިރު 210 މީހަކު އިއްޔެ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އިއްޔެ އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވަނީ މާލެއިންނެވެ. އެއީ 199 މީހުންނެވެ. މިހާތަނަށް 5657 މީހަކު ލޮކްޑައުން އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ލޮކްޑައުން އަމުރާ ހިލާފުވެގެން 313 މީހަކު ހައްޔަރުކޮށްފައިވާއިރު އެންމެ ގިނަ މިހުން ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އެއީ 277 މީހުންނެވެ.

މާލެއިން ކޮވިޑް19 ފެނުނީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން މާލެ ސަރަހައްދު ލޮކްޑައުން ވަނީ ކޮށްފައެވެ. މާލެ ސަރަހައްދު މީގެ ދެ ފަހަރެއްގެ މަތިން ލޮކްޑައުން ކުރި މުއްދަތު އިތުރު ކޮށްފައިވެއެވެ. ނަމަވެސް މިހާރު ލޮކްޑައުންގައި އަޅާފައިފާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.