ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވަމުންދާ ޑޮކްޓަރުންނާ ނަރުހުންގެ ތެރެއިން އެތައް ހާސް ބަޔަކު މި ބައްޔަށް މި ހާރު ޕޮޒިޓިވް ވެފައި ވާކަމަށް އެމެރިކާ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކޮށްފިއެވެ.
ސީޑީސީއިން މައުލޫމާތު ދޭ ގޮތުގައި އެމެރިކާގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 62344 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި މަރުވި ސިއްހީ ތަޖުރިބާކާރުންގެ އަދަދު 291 އަށް އަރާ ކަމަށްވެސް ސީޑީސީއިން ވަނީ ހާމަކޮށްފައެވެ.
ހަގީގީ އަދަދުތަކަށް މިއަށް ވުރެވެސް މަތީގައި އުޅުން އެކަށީގެން ވާ ކަމަށްވެސް ސީޑީސީއިން ބުނެއެވެ. އެގޮތުން ޕޮޒިޓިވް ވި ބައެއް ކޭސްތަކަކީ ސިއްހީ ހިދުމަތްތެރިން ކަން ކަށަވަރުކޮށް ލޮގް ކޮށްފައި ނެތުން ފަދަ ކަންކަން ހިނގާފައި އޮތުމުން އެ އަަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ސީޑީސީއިން ފާހަގަކުރެއެ.
ސިއްހީ ހިދުމަތްތެރިން ކޮވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅޭ ގޮތުން ސީޑީސީއިން އެންމެ ފަހުން މައުލޫމާތު ހާމަކުރީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭރު ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ 9282 މީހުންނެވެ. އެއީ މިހާރުގެ އަދަދަށް ބަލާއިރު ގާތްގަނޑަކަށް 4 ބައިކުޅަ 1 ބައެވެ.
ކޮވިޑް-19އާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ތަކެއް ކޮވިޑް-19އަށް ޕޮޒިޓިވް ވިކަން ސީޑީސީއިން ހާމަކޮށްފައި މިވަނީ، ފަރުވާ ދިނުމުގައި ހަށިރައްކަލަށް ބޭނުން ކުރާ ޕީޕީއީ އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމުގެ ޝަކުވާ، އެމެރިކާގެ ސިއްހީ ތަޖުރިބާކާރުންނާ ސިއްހީ ހިދުމަތްތެރިން ކުރަމުންދާ ދަނޑިވަޅެއްގައެވެ.