އަންގާރަ ދުވަހު އެކަނިވެސް އެމެރިކާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، 693 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ރެކޯޑްތަކުން ދައްކައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލުމާތަށް ބަލާއިރު މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1 ލައްކައަށްވުރެވެސް މައްޗަށް އަރާފައެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު 1144734 އެކްޓިވް ކޭސް އެބައޮތެވެ. މީގެ ތެރެއިން 17158 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ފަރުވާ ހޯދައިގެން ޝިފާ ލިބި، ރަނގަޅުވެފައިވަނީ ބަލިޖެހުނު 1.7 މިލިއަން މީހުންގެ ތެރެއިން 479969 މީހުންނެވެ.

އެމެރިކާއަކީ ކޮވިޑް-19އަށް އެންމެ ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރަމުންދާ އެއް ގައުމުކަންވެސް ފާހަގަކުރަންޖެހެއެވެ. އެމެރިކާއިން މިހާތަނަށް 15532159 ސާމްޕަލްއެއް ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާއިރު، މިއީ އާބާދީގެ ކޮންމެ 1 މިލިއަން މީހަކަށް 46951 ޓެސްޓްއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދާ، މި ބަލީގައި މަރުވި މީހުންގެ އަދަދުވެސް އެންމެ ގިނައީ އެމެރިކާގައެވެ.