އެންއީއޯސީއާ ގުޅިގެން ކަސްޓަމްސް ޓީމުން ޑިސްއިންފެކްޓް ކުރުމަށް ނިކުތްތާ މަހެއް ވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ މުވައްޒަފުން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތަށް ނިކުތީ، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) އާ ގުޅިގެންނެވެ. އެގޮތުން ކަސްޓަމްސްގެ މުވައްޒަފުން މި މަސައްކަތް ކުރާތާ މިވަނީ މަހެއް ވެފައެވެ.

އެ ޓީމުން ޑިސްއިންފެކްޓް ކުރަނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތައް ދިރިއުޅޭ ތަންތަނާއި ޒިޔާރަތްކޮށްފައިވާ ތަންތަނުގެ އިތުރުން އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެންނަ ތަންތަނެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތެއް ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ. އޭގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ރިސޯޓްތަކުން ފަތުރުވެރިން މި ބައްޔަށް ޕޮޒިޓިވްވެ، ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ތިބި ފަރާތްތައް ޕޮޒިޓިވްވެފައިވީ ނަމަވެސް މުޖުތަމައު ތެރޭގައި މި ބަލި ފެތުރިފައެއް ނުވެއެވެ.

މާލެ ސަރަހައްދުން ފެނުނު ޕޮޒިޓިވް ކޭސްއާއެކު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ލޮކްޑައުން ތެރޭގައި ދައުލަތުގެ އިދާރާތަކައި އަމިއްލަ މުއައްސަސާތައް ވެސް ދަނީ އެންއީއޯސީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.