ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުން މެދުވެރިކޮށް ރާއްޖޭގައި ހިދުމަތް ދެވޭނެ އިންތިޒާމް އާސަންދައިން ގާއިމު ކޮށްފިއެވެ.

އާސަންދައިން ބުނީ، އާސަންދައާއި ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާ (ޓެލެ ކޮންސަލްޓޭޝަން) ގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އެ ހިދުމަތް ފެށުމުގެ މަގްސަދަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ބަލިމީހުން ރާއްޖެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގެ ގޮތުން ރާއްޖެއިން ބޭރަށް ނުފޮނުވޭތީ، އެފަދަ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް، ހޮސްޕިޓަލުގައި އެ ކަމަށް ގާއިމު ކުރެވިފައިވާ ހާއްސަ ނިޒާމު މެދުވެރިކޮށް، އެ ފަރާތްތަކުގެ ބައްޔާ ގުޅުން ހުރި ބޭރުގެ ހާއްސަ ޑޮކްޓަރުންގެ ލަފާ ވީޑިއޯ މެދުވެރިކޮށް ހޯދައި އެ ލަފާގެ މަތިން ފަރުވާ ކުރިއަށް ގެންދިއުން ކަމަށް އާސަންދައިން ބުނެއެވެ. އަދި މި ހިދުމަތް ކުރިއަށް ގެންދާނީ މިހާރު ރާއްޖެ އޮތް ހާލަތު ބަދަލުވުމާ ހަމައަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހަފުތާގެ ފަސް ދުވަހު އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އާސަންދައިން ބުނެއެވެ. ކުޑަކުދިންގެ ހާއްސަ ބަލިތައް، ހިތުގެ ބަލިތަކަށް ފަރުވާ، ޓިއުމަރު ފަރުވާ (އޮންކޮލޮޖީ)، ބޮލާއި ކަރުގެ ސާޖަރީ، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ފަދަ، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާން އާސަންދައިން ހުއްދަދޭ ފަރުވާތަކުގެ ހިދުމަތް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ހާލަތުގައި ބަލި މީހުންގެ ބަލިތަކާ ގުޅުން ހުރި ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ދުރުތާ ބެލުން މެދުވެރިކޮށް އާސަންދަ ސްކީމްގެ ހަރަދުގައި ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އާސަަންދައިން ބުނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެ ހިދުމަތް އިތުރަށް ފުޅާކޮށް، އާސަންދައާއެކު ޖާމިނުވެފައިވާ އެހެން ހޮސްޕިޓަލުތަކާ ވެސް ގުޅިގެން ދުރުތާ ފަރުވާގެ ހިދުމަތް ކުރިއަށް ގެންދަން އާސަންދައިން ވަނީ ނިންމާފައި ކަމަށް ބުނެއެވެ. އަދި އަތޮޅުތަކުގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި ވެސް މި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަން ނިންމައިފައިވާ ކަމަށްވެސް އާސަންދައިން ބުނެއެވެ.