މަޖިލީހާއި ކޯޓުގެ މައްޗަށް ރައީސަށް ބަސް ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ،

ފާއިޒް މިހެން ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް، މަޖިލިސް ތަޅުމުގައި މަޖިލިސް ޖަލްސާ ބޭއްވުމާ ގުޅިގެންނެވެ. އެގޮތުން އޭނާ ވިދާޅުވީ، މިހާލަތުގައިވެސް ދައުލަތް ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.

ފާއިޒް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކުރެވިދާނެ ދެގޮތެއް ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ވެ. އެއީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔާތުން ރައީސް އަށް ގާނޫނުއަސާސީން ދީފައިވާ ދުސްތޫރީބާރުގެ ދަށުން، ރައީސް އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލްގެ ލަފާގެމަތީން މިނިސްޓާ އޮފް ހެލްތު އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތެވެ. މިހާރުމިއޮތީ މިނިސްޓަރު އިއުލާނު ކުރައްވާފައިވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތެވެ.

ރަައީސަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެވެސް އެންމެ އިސްވެރިޔާ އެވެ. އަދި މި ދެ ހައިސިއްޔަތުން، ގާނޫނުއަސާސީގެ ދަށުން ރައީސް އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުއްވުމުގެ ބާރު ރައީސަކަށް ލިބިވަޑައި ނުގަންނަވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމައެގޮތަށް، އެހާލަތުގައި ސުޕްރީކޯޓުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުއްވުމުގެ ބާރު ރައީސަކަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ދުސްތޫރީ މި މުއައްސަސާތައް، ކުއްލި ހާލަތު މެދުވެރިވުމުގެ ކުރިން ހިނގަމުންއައި ގޮތަށް މަސައްކަތުގައި ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަންގެ ޖެންސީގެ ޑިރެކްޓާ ޖެނެރަލްގެ ލަފާގެމަތީން މިނިސްޓަރު އިއުލާނުކޮށްފައިވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތުގައި، ގާނޫނުއަސާސީގައި ދުސްތޫރީ އުސޫލުތަކެއް އެކަމަށް ކަނޑައަޅާފައިވެ ބައެއް އަސާސީ ހައްގުތައް ހިފެހެެއްޓުމުގެ ބާރު އޮންނަ ކަމަށް ފާއިޒް ވިދާޅުވިއެވެ. އެގޮތުން، އާއްމު ހިދުމަތްދޭ ތަންތަނާއި އެއާޕޯޓު، ސްކޫލު ފަދަ ތަންތަން ބަންދުކުރުމާއި މިންގަނޑު ކަނޑައެޅުމުގެބާ ރު އެޗްޕީއޭ އަށާއި މިނިސްޓަރަށް ލިބިވަޑައިގަނެއެވެ. ނަމަވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައި ނުގަންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ، އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ސަރުކާރު ބަންދުކުރެއްވުމަކީ ރައީސްގެ އިހުތިޔާރީ ބާރެއް ކަމަށެވެ. ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ގެންދިއުމަކީ މަޖިލީހުގެ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.