ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ކޭސްތައް ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން، ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް މާ އަވަހަށް ދޫދޭން ފަށައިފިނަމަ، މިހާރުން މިހާރަށްވެސް ދެވަނަ ރާޅެއްގެ ނުރައްކަލާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ދީފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއު.އެޗް.އޯގެ ހެލްތް އެމާޖެންސީސް ޕްރޮގްރާމްގެ އެގެޒެކެޓިވް ޑައިރެކްޓާ ޑރ މައިކް ރާޔަން ވިދާޅުވީ، މި ދުވަސްވަރު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ކުރިމަތިވެފައިވަނީ ބަލިމަޑުކަމުގެ ފުރަތަމަ ރާޅުކަމަށެވެ. މިހާރު މިއޮތް މަރުހަލާއަށް ބަލާއިރު، ބަލިމަޑުކަމުގެ ހާލަތު އަދިވެސް އޮތީ މައްޗަށް ދާ ފަދަ ގޮތަކަށް ކަމުގެ އިންޒާރުވެސް ޑރ ރާޔަން ވަނީ ދެއްވާފައެވެ.

މިމޭރުމުން މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ ރާޔަން ވިދާޅުވީ ބަލިމަޑުކަމަކީ ރާޅުރާޅު އަންނަ އެއްޗެއް ކަމަށާ، ފުރަތަމަ ރާޅުގެ ބާނިތައް މަޑުވާން ފަށާފައިވާ ސަރަހައްދުތަކަށް، މިއަހަރުގެ ފަހުކޮޅު ދެވަނަ ރާޅެއް ކުރިމަތިވެދާނެ ކަމަށެވެ. ހަމަ މިއާއެކު، މާ އަވަހަށް ފިޔަވަޅުތަކަށް ލުއި ދީފިނަމަ އިންފެކްޓްވާ މީހުންގެ ނިސްބަތް ހަލުވިމިނެއްގައި އިތުރުވެގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ޑރ ރާޔަން ވަނީ ދެއްވާފައެވެ.

ބަލިމަޑުކަމުގެ ހުޅުގަނޑު ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ފަޅައިގެން ހިނގައިދާނެކަމަށް ސަމާލުވާންޖެހޭނެ ކަމަށް ޑރ ރާޔަން ވަނީ އިރުޝާދުދެއްވާފައެވެ. ބަލިމަޑުކަން މައިތިރިވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް، އެއީ އެގޮތުގައި ދެމިގެންދާނެ ކަމެއް ނޫންކަމަށްވެސް އޭނާ ވަނީ އިންޒާރު ކުރައްވާފައެވެ.

ކަންމިހެން އޮތްއިރު ކޮވިޑް-19ގެ ދެވަނަ ރާޅަކާ ކުރިމަތިލާންޖެހޭނީ އިންފްލުއެންޒާ ރޯގާގެ މޫސުމުގައި ކަމަށް ވެދާނެ ކަމުގެ އިންޒާރުވެސް ޑރ ރާޔަން ވަނީ ދެއްވާފައެވެ. މިއާއެކު ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑަބްލިއު.އެޗް.އޯއިން މިފަދަ އިންޒާރުތަކެއް ދީފައިވަނީ މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހިތިކަން އެންމެ ބޮޑަށް ތަޖުރިބާކުރި ބައެއް ގައުމުތަކާ މިހާރުވެސް ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެފައިވާ ބައެއް ގައުމުތަކުން، ސަލާމަތީ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމަމުންދާ ދަނޑިވަޅެއްގައެވެ.