ކޮވިޑް-19 ފެތުރެމުން ދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް މިއަދާ ހަމައަށް ޖުމްލަ 5447 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 5447 ކަމަށާއި އެއީ މާލެއިން 4724 މީހުންނާއި، ހުޅުމާލެއިން 620 މީހުންނާއި، ވިލިމާލެއިން 103 މީހުން ކަމަށެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 294 މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން 261 މީހުންނާއި ހުޅުމާލެއިން 30 މީހުންނާއި ވިލިމާލެއިން 3 މީހުންނެވެ.

އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 12 މީހަކު ހައްޔަރު ކޮށް 188 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެ ގޮތުން އިއްޔެ ހައްޔަރު ކުރި 12 މީހުނަކީ މާލެއިން ހައްޔަރުކުރި މީހުންނެވެ. އިއްޔެ ޖޫރިމަނާ ކުރި 188 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 171 މީހުންނެވެ. ހުޅުމާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 17 މީހުން އަދި ވިމާލެއިން އެއްވެސް މީހަކު ކޮށްފައެއް ނުވެއެވެ.

ފުލުހުން މަގުމައްޗަށް ނުކުންނަ މީހުން ފާސްކުރަނީ

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 1395 އަށް އަރާފައެވެ.

އަދި ބަލިން ރައްކާތެރި ވުމުގެ ގޮތުން މާލެ ލޮކްޑައުންކޮށްފައިވާ މުއްދަތު ވަނީ މި މަހުގެ 28 އަށް އިތުރުކޮށްފައެވެ. ހަމައެއާއެކު ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ސިނަމާލެ ބްރިޖް 8 ގަޑިއިރަށް އާންމުންންށް ދަތުރު ނުކުރެވޭނެ ގޮތަށް ވެސް ވަނީ ބަންދުކޮށްފައެވެ. އެ ގޮތުން ކޮންމެ ރެއެއްގެ ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ބްރިޖު މަތިން އާންމުންނަށް ދަތުރު ނުކުރެވޭނެއެެވެ. އަދި ކުރިއަށް އޮތްތަނުގައި ބަޒާރުކުރުމަށް ދޭ ހުއްދަ ދެވޭނީ ހަފްތާއަކު އެއްފަހަރު ކަމަށްވެސް ވަނީ ނިންމާފައެވެ.