ސްޕެއިންއަށް ޒިޔާރަތް ކުރާ ބިދޭސީން، 2 ހަފުތާގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ލާޒިމު ނުވާނެ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާންކޮށްފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އެންމެ ހިތިކަން ތަޖުރިބާކުރި އެއް ގައުމު ކަމަށްވާ ސްޕެއިންގައި މި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި މި ބަދަލަށް އަމަލުކުރަން ފަށާނީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފަށައިގެންނެވެ.

ސްޕެއިންގެ ސަރުކާރުން ބުނީ، މި ނިންމުމަކީ ވަޒީރުންގެ މަޖިލީހުގެ ނިންމުމެއް ކަމަށެވެ.

ސްޕެއިންއަކީ އަހަރެއްގެ މައްޗަށް 80 މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެކެވެ. އެ ގައުމުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ، ގާތްގަނޑަކަށް 12 ޕަސެންޓް ހިއްސާކުރަނީވެސް ފަތުރުވެރިކަމެވެ.

ހޫނު މޫސުމުގެ ޕީކް ސީޒަންގެ ކުރިން ފަތުރުވެރިކަމުގެ ސިނާއަތް ހުޅުވާލުމަކީ ސްޕެއިންގެ އިނދަޖެހެމުންދާ އިގުތިސޯދަށް އޮތް ހެޔޮ ފާލެކެވެ.

ސްޕެއިންގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 282480 އަށް އަރާފައެވެ. އަދި މި ބަލީގައި 26837 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ސްޕެއިންގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 58685 ކޭހެވެ. މީގެ ތެރޭގައި ހާލު ސީރިއަސް/ކުރިޓިކަލް 854 ޕޭޝަންޓެއްވެސް ހިމެނެއެވެ.