އިތުރު 10 މީހަކު ރަނގަޅުވެ ޖުމްލަ 154 އަށް އަރައިފިއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވާ މީހުންގެ އަދަދުތައް އިތުރު ވަމުން އައި ނަމަވެސް ރަނގަޅު ވުމުގައި ނަގާ މުއްދަތު އާންމުކޮށް ދިގުކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެން ކަމުން މިހާރު ހަމަޖައްސާފައި އޮތީ ކުރިން 14 ދުވަސް ކޮށްފައި ޓެސްޓް ކުރި ނަމަވެސް 21 ދުވަސް ނުވަނީސް އަލުން ޓެސްޓް ނުކުރުމަށެވެ.

މިއަދު 10 މީހަކު ރަނގަޅު ވި އިރު 24 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ޖުމްލަ އަދަދު 1395 އަށް އަރާފައި ވާއިރު މިއަދުވެސް ޕޮޒިޓިވް ވި މީހުނެގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.

މާލޭގައި ބިދޭސީން ދިރިއުޅޭ 33 ތަނެއް މޮނިޓާކޮށް ހަދަމުންދާ ކަމަށް ސަރުކާރުން ބުނެފައި ވާއިރު އަދިވެސް ގިނަ އަދަދެއްގެ ބިދޭސީން ތިބީ ކަރަންޓީނު ފެސިލިޓީއަކަށް ނުގެންގޮސް މާލޭގައެވެ. އެގޮތުން ފާހަގަ ވި އެއް ތަނަކީ، ހ. ފިލިކުރި ގެއެވެ. އެ ގޭގައި 65 ބިދޭސީން އުޅެއެވެ. އޭގެ ތެރެއިން 15 މީހަކު ފިޔަވާ އެންމެން ތިބީ މާލޭގައެވެ. ހަމައެގޮތަށް ގަލޮޅާއި މާފަންނުގައި ހުރި ދެގެއެއްގައި ޖުމްލަ 70 ވަރަކަށް ވިދޭސީން އެބަތިއްބެއެވެ.