ގދ ގައްދޫ ދޯންޏަކުން ފީނަން ދިޔަ ޒުވާނަކު މަރުވެއްޖެއެވެ. މަރުވި މީހާގެ ހަށިގަނޑު ގައްދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ، އެހާދިސާގެ މައުލޫމާތު އެމީހުނަށް ލިބުނީ މިއަދު މެންދުރު ފަހު 4 ޖަހަން އުޅެނިކޮށް ކަމަށާއި، މަރުވި މީހާ ޑައިވިނަށް ގޮސް އެންދަމަން އުޅެނިކޮށް ހަރަކާތް ހުއްޓި އަޑީގައި އޮތް ކަމަށެވެ. އަދި އޭނާ ނެގޭ އެ ދޯނީގެ އެހެން ފަޅުވެރިން ކަމަށާއި އަދި އޭނާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައި ވާކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ.

ޑައިވިންއާއި ސްނީކްލިންއަށް ގޮސްގެން އުޅެނިކޮށް މަރުގެ ތަފާތު ހާދިސާ ރާއްޖޭގައި ވަނީ ހިނގާފައެވެ. މިއަހަރުވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައި ވާއިރު ޑައިވް ކޮށް ފީނާ ހަދާމީހުން، ކަމުގެ ތަމްރީނު ހޯދައިގެން އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ. އަދި ހަމަ އެހެންމެ ޑައިވްކޮށް ފީނާ ހަދާ މީހުން ގިނަ ސަރަހައްދު ތަކުގައި ޑިކޮމްޕރެޝަން ޗެމްބާ ބެހެއްޓުމުގެ ވާހަކައަކީވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ.

ނަމަވެސް މިއަދާ ހަމައަށް މިމަސައްކަތުގައި އަމަލީ ފިޔަވަޅެއް އެޅިފައެއް ނުވެއެެވެ.