ކޮވިޑް19 ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާނީ މަންޒިލުގެ ރައްކާތެރިކަމުގެ އިތުބާރާ އެކުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ އދ. މައި ޖަމިއްޔާ "ޔޫއެންޑަބްލިއުޓީއޯ" އިންތިޒާމު ކޮށްގެން މިއަދު ބޭއްވި "ވެބިނާ އޮން ދަ އިމްޕެކްޓު އޮފް ކޮވިޑް19 އޮން އިންޓަނޭޝަނަލް ޓޫރިޒަމް" ވެބިނާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަންޒިލުގެ ރައްކާތެރި ކަމުގެ އިތުބާރަކީ ބައިނަލްއަގުވާމީ ފަތުރުވެރި ކަމުގެ ބިންގާ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ އެ އިތުބާރާ އެކުގައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަގު ނުކުރެވޭ ވަރުގެ ގެއްލުން ލިބިފައި ވާ ކަމަށެވެ. ރައްޔިތުންގެ އާއްމު ދިރިއުޅުން ހުއްޓު މުޅި އިގްތިސާދު ކޮވިޑް19 ގެ ސަބަބުން ހުއްޓިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެހެން ކަމުން ދުނިޔޭގެ އެހެން ގައުމު ތަކަކެކޭ ވެސް އެއްފަދައިން ރާއްޖެއިން ވެސް ތައްޔާރު ވަމުން އަންނަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އެކު އިގްތިސާދީ ހަރަކާތްތައް ފެށުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މި ދަނޑިވަޅުގައި އިތުރަށް ބަލީގެ ހާލަތު ގޯސްވިޔަ ނުދީ ގައުމުތަކުގެ ބޯޑަރުތަކާއި އެއާޕޯޓުތަކާއި ޓޫރިސްޓު ފެސިލިޓީ ތަކުގައި ބައިނަލްއަގުވާމީ އެއް މިންގަނޑަކަށް ރައްކާތެރި ކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކުމަށް އަލީ ވަހީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިއީ ފަތުރުވެރިންނަށް ހެޔޮ ހިތަކައިގެން މަރުހަބާ ކިޔަންވީ ވަގުތު ކަމަށާއި މިއީ ފަތުރުވެރިން އަތުން އިތުރަށް ޓެކްސް ނަގަންވީ ވަގުތު ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުި ބަންދުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން ކޮވިޑް19 ފެނުމުން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. ނަމަވެސް ސަރުކާރުން ތައްޔާރުވަމުން އަންނަނީ ނިއު ނޯމަލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އިގްތިސޯދީ ހަރަކާތްތައް ފަށާ ސަރުކާރު އޮފީސްތަކާއި އެހެންވެސް ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށެވެ.