މުދައްރިސުންނަށް ހާއްސަކޮށްފައިވާ "އެދުރު ހިޔާ" ގެ ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ނުލިބޭތީ ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014ވަނަ އަހަރު ކުރި އެ އިމާރާތުގައި 80 ފްލެޓު ހިމެނެއެވެ. އަދި ޓީޗަރުންނަށް ހާއްސަކޮށް 75 ފްލެޓެއް ވަނީ ދީފައެވެ. ބާކީ ފަސް ފްލެޓަކީ އެޑިއުކޭޝަން މިނިސްޓްރީ އަށް ހާއްސަކޮށްފައިވާ ފްލެޓުތަކެކެވެ.
އެތަނުގައި ދިރިއުޅޭ ޓީޗަރުން ވަނީ ރައީސް ސޯލިހަށް އެތަނުގެ ކުލި ކޮވިޑް19 ގެ މިހާލަތުގައި ކުޑަކޮށް ދެއްވާ ނުވަތަ މައާފު ކޮށްދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި 65 ޓީޗަރުން ސޮއިކުރިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ޖަވާބެއް ލިބިފައި ނުވާތީ ޓީޗަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެތަނުގެ ކުއްޔަކީ 6،000 ރުފިޔާއެވެ. ނަމަވެސް ޓީޗަރުން ބުނީ އެމީހުންނަކީ ނިސްބަތުން މާބޮޑު މުސާރައެއް ލިބޭ ބައެއް ނޫން ކަމަށާއި އިތުރު އާމްދަނީ ހޯދަނީވެސް ޓިއުޝަން ދީގެން ކަމަށެވެ. ނަމަވެސް މިހާލަތުގައި ޓިއުޝަން ދިނުމަށްވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
ބައެއް ޓީޗަރުންނަށް މިދިޔަ މަހާއި މިމަހުގެ ކުލިވެސް ދެއްކިފައި ނުވާ ކަމަށް ބުނެއެެވެ. އަދި ކުލި ދެއްކިފައި ނުވާ ޓީޗަރުން ޖޫރިމަނާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ. ޖޫރިމަނާގެ ގޮތުގައި ލަސްވާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަރައެވެ.
"އެދުރު ހިޔާ" ގެ ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދިނުމަށް އެދި ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައި ވާއިރު ސަރުކާރުން އަންނަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ހާލަތުގައި ވަޒީފާ އަށް އަސަރުކުރި ފަރާތްތަކަށް ވެސް ސަރުކާރުން އަންނަނީ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.
ތިތަނުގަ ގިނައީ ޓިޗަރުންނެއް ނޫން، މިވެސް ބަލަން ވެއްޖެ ކަމެއް